26 Feb 2016, 16:08
ރިސޯޓު މުވައްޒަފުންތަކެއް ޖެހި ސަކަރާތެއްގައި ބިދޭސީއެއްގެ ނާޒުކު ގުނަވަނެއްގައި ފައިންޖެހިގެން އަނިޔާވުމުން، އެކަން ކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން އޭނާއަށް އެއް މަސް ދުވަހުގެ މުސާރަ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިދިޔަ އަންގާރަ ދުވަހު ކުރި އަމުރުގައި ބުނެފައި ވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުގެ ބޯޓު ކެޕްޓަންގެ ވަޒީފާ އަދާކުރަމުންދިޔަ މީހަކާއި ބިދޭސީ މުވައްޒަފަކާ ޖެހި ސަކަރާތެއްގައި ބިދޭސީ މުވައްޒަފަކުގެ ނާޒުކު ގުނަވަނެއްގައި ފައިން ޖެހި އަނިޔާވެފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގި ކަމަށް ރިސޯޓުގެ ބޯޓު ކެޕްޓަން އިއުތިރާފުވާ ކަމަށާއި އެ އަމަލަކީ ވަޒީފާގެ މާހައުލުގައި ކުރުން އެކަށީގެންވާ އަމަލެއް ނޫން ކަމަށް ވެސް ޓްރައިބިއުނަލްގެ އަމުރުގައިވެ އެވެ.
ރިސޯޓުގެ ބޯޓު ކެޕްޓަން އެ އަމަލު ހިންގުމުން ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އަދުލުވެރިކަން ގާއިމްކޮށްފައި ނުވާތީ، އެނާއަށް އެއް މަސް ދުވަހުގެ މުސާރައަށްވާ 650 ޑޮލަރު (10،023 ރުފިޔާ) ދިނުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފަ އެވެ.
ޝެވަލް ބްލާންކް ރަންދެލި ރިސޯޓަކީ އައިއެންޓީ މެނޭޖުމަންޓް ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިސޯޓެކެވެ. އެ ކުންފުނީގެ މައްޗަށް ޓްރައިބިއުނަލުން އަމުރުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އޭނާއަށް އެއް މަސް ދުވަހުގެ މުސާރަ ދިނުމަށެވެ.
އޭނާއަށް ވަޒީފާ އަނބުރާ ދިނުމަށް އެ އަމުރުގައި ބުނެފައެއް ނުވެ އެވެ.