26 Feb 2016, 16:13
ތެހެރާން (ފެބްރުއަރީ 26) : އީރާނުގެ ޕާލަމެންޓަށާއި އެގައުމުގެ އެސެމްބްލީ އޮފް އެކްސްޕާޓްސް (ތަޖްރިބާކާރުންގެ މަޖިލިސް) އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުން މިއަދު ފަށައިފި އެވެ.
އެ ދެ އިންތިޚާބުގައި އީރާނުގެ އެތަށް ޕާޓީއަކުންނާއި ވަކިވަކިފަރުދުން ބައިވެރިވެ އެވެ. ނަމަވެސް އެ ހުރިހާ ފަރާތްތަކެއް ވެސް ނިސްބަތް ވަނީ އީރާނުގެ ސިޔާސީ މަސްރަހު ކޮންޓްރޯލްކުރާ މައިގަނޑު ދެ ފިކުރު ކަމަށްވާ ކޮންޒަވެޓިވް ފިކުރާއި އިސްލާޙީ ފިކުރެވެ. މިދެ ފިކުރުގެ މީހުންނަކީ ވެސް އީރާނުގެ އިސްލާމީ އިންގިލާބާއި އިސްލާމީ ޝަރީޢަތް ތަންފީޒުކުރާ ގޮތަށް އެގައުމުގައި އޮންނަ އިސްލާމީ ވެރިކަމުގެ ނިޒާމަށް ތާއީދުކުރާމީހުންނެވެ. ނަމަވެސް އީރާނުގެ ކޮންޒަވެޓިވް ފިކުރަކީ އެމެރިކާ އާއި ހުޅަނގާ ވަރަށް ބޮޑަށް އިދިކޮޅު ފިކުރެވެ. އަދި ކަންކަން އިސްލާހް ކުރުމަށް މާބޮޑަށް ބާރުނާޅާ ފިކުރެވެ.
ނަމަވެސް އިސްލާހީ ފިކުރަކީ އިސްލާމީ ނިޒާމުގެ ތެރެއިން އެމެރިކާއާއި ޔޫރަޕާ އާދައިގެ ގުޅުންތަކެއް ބޭއްވުމާއި ކަންކަން ޒަމާނީގޮތަށް އިސްލާހު ކުރުމުގެ ފިކުރެވެ. މިދެ ފިކުރުގެ މީހުން ވެސް ވަތަނީ ކަންކަމުގައި މުޅިން އެއްގަލަކަށް އަރަ އެވެ. އީރާނުގެ އިސްލާޙީ ފިކުރުގެ ސިޔާސީ ފަރާތްތައް ލީޑްކުރަނީ މިހާރުގެ ރައީސް ޑރ. ހަސަން ރޫހާނީ އެވެ. ކޮންޒަވެޓިވް ފިކުރުގެ ޕާޓީތަކާއި ޖަމާއަތްތައް ވެސް ދެބަޔަކަށް ބެހިފައިވެ އެވެ. އެއްބަޔަކީ އިސްލާހީ ފިކުރާ ވަރަށް ގާތްބައެކެވެ. މި ފިކުރު ލީޑްކުރަނީ އީރާނުގެ ކުރީގެ ރައީސެއްކަމަށްވާ ހާޝިމީ ރަފްސަންޖާނީ އެވެ. އަނެއްބަޔަކީ އިސްލާހީ ފިކުރާ މުޅިން އިދިކޮޅު ބައެކެވެ. މި ފިކުރު ލީޑްކުރަނީ އީރާނުގެ ކުރީގެ ރައީސް ޑރ. އަހްމަދީ ނެޖާދް އާއި ރިވޮލިއުޝަނަރީ ގާޑުންގެ އިސް ޖެނެރަލުންނެވެ.
އަށްޑިހަ ތިން މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާނުގެ ޕާލަމެންޓްގައި ހިމެނެނީ 290 ގޮނޑިއެވެ. އެ ގޮނޑިތަކަށް 6200 ކެންޑިޑޭޓުން ވާދަކުރެ އެވެ. މިއަދު ހެނދުނު ފެށުނު އީރާނުގެ އިންތިޚާބުގައި ޕާލަމެންޓްގެ އިތުރުން އެގައުމުގެ ތަޖްރިބާކާރުންގެ މަޖިލީހަށް ވެސް މެންބަރުން އިންތިޚާބު ކުރާނެ އެވެ. އަށް ޑިހަ އަށް މެންބަރުން ހިމެނޭ މިމަޖިލީހުގެ ކޮންމެ މެންބަރަކީ ވެސް ދީނީ އިލްމުގެ އިތުރުން ދުންޔަވީ އިލްމުތަކުގައި މަތީ ފާސްތައް ނަގާފައިވާ އަދި ތަޖްރިބާގެ ގޮތުން ފުންނާބުއުސް ބަޔަކަށް ވާންޖެހެ އެވެ. މި މަޖިލީހަށް އިންތިޚާބުވުމަށް ހާހަކަށްވުރެ ގިނަމީހުން ވާދަކުރެ އެވެ.
ތަޖްރިބާކާރުންގެ މަޖިލީހުގެ މިސިފަތައް އެކުލެވޭ މީހުންނަކީ އާންމު ގޮތެއްގައި އުމުރުން 40 އަށްވުރެ މަތީމީހުންނެވެ. މިއީ އީރާނުގެ ސެނެޓްގެ ގޮތުގައި ހަރަކާތްތެރިވާ މަޖިލީހެކެވެ. އީރާނުގެ ދީނީ މުރްޝިދު އިންތިޚާބު ކުރަނީ ވެސް މިމަޖިލީހުގެ އަޣްލަބިއްޔަތުންނެވެ. ޚިޔާލު ހޯދުމުގެ ސާވޭތައް ދައްކާ ގޮތުން މިދެ މަޖިލީހުގެ އިންތިޚާބު ވެސް ކާމިޔާބުކުރާނީ އިސްލާޙީ ފިކުރުމުގެ މީހުންނެވެ. އީރާނަކީ ޑިމޮކްރެޓިކް ނިޒާމެއް އޮންނަ ގައުމެއް ނަމަވެސް އީރާނުގެ ޑިމޮކްރަސީ އަކީ ހުޅަނގުގެ ޑިމޮކްރަސީއާ ވަރަށް ތަފާތު ޑިމޮކްރަސީއެކެވެ.
މިކަމުގެ ބޭނުމަކީ ހުޚަނގުގެ ޑިމޮކްރަސީގައި ހިމެނޭ ނެދެވޭ ސިފަތަކުން ސަލާމަތްވުމާއި ހުޅަނގުގެ ޑިމޮކްރަސީގައި ހިމެނޭ ބަލިފައިތަކުގެ ސަބަބުން އުފެދޭ ފިތްނަތައް އީރާނުގައި އުފެދުމުގެ ފުރްސަތު ނުދިނުންކަމަށް އީރާނުގެ ލީޑަރުން ވިދާޅުވެއެވެ. އީރާނުން ހުޅަނގުގެ ޑިމޮކްރަސީއަށް އާއި ހުޅަނގުގެ އައިޑިއޮލޮޖީއާއި ފިކުރަށް ތަބާނުވާތީ ހުޅަނގުން ގެންދަނީ އީރާނުގެ ޑިމޮކްރަސީއަކީ ފުރިހަމަނޫން ޑިމޮކްރަސީއެއް ކަމަށް ސިފަކުރަމުންނެވެ.
މީގެ ރައްދުގައި އީރާނުން ހުޅަނގުގެ ޑިމޮކްރަސީ ސިފަކުރަނީ ފަސާދައާއި މާތް ﷲ އަށް އުރެދުމަށް މަގުފަހިވާ އަދި އެތަށް ބަލިފައިތަކެއްހުރި ޑިމޮކްރަސީއެއްގެ ގޮތުގައެވެ. އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވަނީ އެމެރިކާގެ ކުރިމަތީގައި ހައްގު ބަސް ބުނެ އިސްލާމް ދީނާއި އީރާނުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ދިފާއުކުރެވޭފަދަ ގާބިލް ޕާލަމެންޓެއް އިންތިޚާބު ކުރުމަށް އއެގައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. (ނޫސްއެޖެންސީތައް)