ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން ތިން އަހަރަށް ފަސް ކުރާ ގޮތަށް ޕެންޝަނާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ. އަދި އެ ޤާނޫނަށް މިއަދުން ފެށިގެން އަމަލުކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އެ ޤާނޫނަށް ގެންނެވި އިސްލާހުގައިވާ ގޮތުން، އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 12 މަސް ދުވަހުގެ ތެރޭގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމަށްޓަކައި އަމަލުކުރަންވީ ގޮތުގެ އުސޫލެއް، ޕެންޝަން އޮފީހުގެ ބޯޑުން އެކުލަވައިލަން ޖެހެ އެވެ.

އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ބިދޭސީ މުވައްޒަފުން، ދިވެހިރާއްޖޭގެ ރިޓަޔަމަންޓް ޕެންޝަން ސްކީމްގައި ބައިވެރިކުރުމުގެ ކަންތައް، އެ ޤާނޫނަށް ގެނެވޭ އެއްވަނަ އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމަން ވެސް ޖެހެ އެވެ.