މި ސީޒަނަށް ތައްޔާރުވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ގެންނަ ބިދޭސީ ކުޅުންތެރިން އަންނަ މަހު އެކެއްގައި ޓީމާ ގުޅޭނެ ކަމަށް ވިކްޓރީގެ ކޯޗް މުޙައްމަދު ނަޒީހް ބުނެފި އެވެ.

ނަޒީހް ބުނީ ބޭރު ހަތަރު ކުޅުންތެރިން ގެނޭވޭއިރު އަންނަ މަހު އެއް ވަނަ ދުވަހު އޭގެ ތެރެއިން ތިން ކުޅުންތެރިން ޓީމާ ގުޅޭނެ ކަމަށެވެ.

އަދި އޭޝިއާގެ ޖާގައަށް ދެ ކުޅުންތެރިޔަކު އެބަހުރި ކަމަށާއި އޭގެ ތެރެއިން ގެންނާނެ ކުޅުންތެރިޔަކާ މެދު ވިސްނަމުންދާ ކަމަށެވެ.

އެ ދެކުޅުންތެރިންގެ ތެރެއިން ގެންނާނެ ކުޅުންތެރިޔަކު ނިންމާނީ ޓްރެއަލްއިން ޓީމަށް ނަގާ ކުޅުންތެރިންނާއެކު ޓީމު އެކުލަވާލެވުމުން އެންމެ ބަލި ޑިޕާޓްމެންޓެއް ބެލުމަށްފަހު އެޑީޕާޓްމެންޓަކަށް ކުޅޭ ކުޅުންތެރިޔެއް ކަމަށް ނަޒީހު ބުންޏެވެ.

"އޭޝިއާގެ ޖާގައަށް މިހާރު ވެސް ދެ ކުޅުންތެރިޔަކު ހަމަޖެހިފައި ހުރީ. ނަމަވެސް އަލުގަނޑުމެން މިދަނީ ބަލަމުން ކޮން ޑިޕާޓްމެންޓަކަށްތޯ މިވަގުތު ކުޅުންތެރިޔަކު އެންމެ މުހިންމީ. ފައިނަލް ކުރެވުނީމަ، އެޑިޕާޓްމެންޓަކަށް ކުޅޭ ކުޅުންތެރިޔަކު ގެންނާނީ،" ނަޒީހް ބުންޏެވެ.

މީގެ 12 ވަރަކަށް އަހަރު ކުރިން އެންމެ ރަނގަޅު ބިދޭސީ ކުޅުންތެރިން ގެންނަ ޓީމަކީ ވިކްޓްރީއެވެ. މިފަހަރު ވިކްޓަރީއަށް ގެންނަ ކުޅުންތެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ކުޅުންތެރިޔަކު ހުންނާނެތޯ ސުވާލުކުރުމުން ނަޒީހް ބުނީ އޭގެ ތެރެއިން އެއް ކުޅުންތެރިޔަކާ މެދު ވަރަށް ހިތްހަމަޖޭހޭ ކަމަށާއި ދެން ތިބި ކުޅުންތެރިން ވެސް ދިވެހި ކުޅުންތެރިންނާ ވާދަ ކޮށްލެވޭނެ ކަމަށެވެ.

"ދިވެހި ކުޅުންތެރިޔަކާ ވާދަ ކުރުމަކީ ބިދޭސީ ކުޅުންތެރިންގެ ފެންވަރު މަތިވުމެއް ނޫން. ނަމަވެސް މިގެންނަ ކުޅުންތެރިންގެ ތެރޭގައި އެބަހުރި އަޅުގަނޑު ވަރަށް ހިތްހަމެޖޭ ކުޅުންތެރިޔެއް،" ނަޒީހް ބުންޏެވެ.

މިދިޔަ އަހަރު ވިކްޓރީއަށް ކުޅުނު ބިދޭސީ މިޑްފީލްޑަރު ކަކާ ވަނީ މިއހަރު ވެލެންސިއާއަށް ބަދަލުވެފައެވެ.