26 Feb 2016, 13:40
އެޓޯލް ސުކޫބާ ޑައިވް ސެންޓަރުން އިންތިޒާމްކޮށްގެން ޑައިވް ސްޕޮޓެއް ކަމަށްވާ މާޔާތިލާގައި ހުއްޓާނުލާ 48 ގަޑިއިރު ޑައިވްކުރުމަށް ނިންމައިފި އެވެ.
ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ގިނަ އަދަދެއްގެ ޑައިވަރުން ބައިވެގެން ތިމާވެއްޓާއި ކަނޑުއަޑީގެ ރީތިކަން ހިމާޔަތް ކުރުމާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެ ހަރަކާތުގެ ޓެލެކޮމް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ މުއާސަލާތީ ކުންފުނި ދިރާގެވެ.

ދިވެހި ބިދޭސީ ޑައިވަރުންނާ އެކު ދިރާގުގެ އޮފިޝަލުން
އެ ހަރަކާތް ކުރިއަށްދާ އިރު މެރިން ބައޮލޖިސްޓުންގެ ޓީމަކުން މާޔާތިލާގައި ޑައިވްކޮށް ކަނޑުއަޑީގެ ހާލަތު ބަލާ ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
"މި ހަރަކާތުގައި ކަނޑުއަޑީގެ މަންޒަރުތަކާއި މާޔާ ތިލައިގެ ހާލަތު ހުރިގޮތް ދައްކުވައިދޭ ތަފާތު ފޮތޯތަކާއި ވީޑިއޯތައް ލައިވް ފީޑް މެދުވެރިކޮށް ސޯޝަލް މީޑިއާގެ އެކި ޗެނަލްތަކާއި ޔޫޓިއުބް މެދުވެރިކޮށް ފޯރުކޮށްދެމުންދާނެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގުން ބުނީ ފޮޓޯ އަދި ވީޑިއޯ ކަނޑިއަޑިން ލައިވްކޮށް ފޮނުވައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ޒުވާނުން ކުރާ އެފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން އަބަދު ވެސް ބޭނުންވާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދިވެހި ބިދޭސީ ޑައިވަރުން ދިރާގަށް ބްރީފް ކުަރަނީ --
ހަރަކާތުގައި އެންމެ ހާއްސަކަމެއްގެ ގޮތުން ފާހަގަކުރެވެނީ ފްރީޑައިވްއިން ދުނިޔޭގެ ރެކޯޑު ހޯދާފައިވާ ތުރުކީވިލާތުގެ ޑައިވަރު ސަހިކާ އަޒްޖުމަން ބައިވެރިވުމެވެ. ބައިނަލްއަގްވާމީ ގިނަ ޑައިވް މެގަޒިންތަކުން އެހަރަކާތް ކަވަރު ކުރުމަށްވަނީ ހަމަޖެހިފަ އެވެ.
އެހަރަކާތް ބާއްވާނެ ވަކިތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.