26 Feb 2016, 11:46
އާޖެންޓީނާ ގައުމީ ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ބާސެލޯނާގެ ވެސް މަޝްހޫރު ފުޓުބޯޅަތަނި ލިއޮނަލް މެސީގެ އެންމެ ބޮޑު ސަޕޯޓަރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އަފްގާނިސްތާނުގެ އުމުރުން ފަސްއަހަރުގެ މުރުތާޒް އަހުމަދީއަށް މެސީ ސޮއިކޮށްފައި ޖާޒީއެއް ފޮނުވައިފި އެވެ.
މީގެ ކުރިން އޭނާގެ އުންމީދު ފުރިހަމަ ކުރީ އަމިއްލަ ގޭގައި ބޭނުން ކުރާ ބާޒާރު ކޮތަޅަކުންނެވެ. އާޖެންޓީނާ ހޯމް ޖޯޒީގެ ކުލަތައް ސިފަވާގޮތަށް ޑިޒައިންތައް ހުރި ކޮތަޅު ގަޔަށް މަހައި އޭގެ ފަހަތުގައި މެސީގެ ނަމާއި ޖޯޒީ ނަންބަރު 10 ޖަހައި މެސީ ތަމްސީލު ކުރުމުގެ އުފާ މުރުތާޒު ލިބިގަތެވެ.
މުރުތާޒަށް މެސީ ސޮއިކޮށް އަސްލު ޖޯޒީއެއް ލިބުމަކީ ލިބިނު ވަރަށް ބޮޑު އުފަލަކަށް ވާނެ އެވެ.
މެސީގެ އެންމެ ބޮޑު ސަޕޯޓަރު ގޮތުގައި މަޝްހޫރު ކަން ލިބިފައިވާ އުމުރުން ފަސް އަހަރުގެ މުރުތަޒާ އަހްމަދު --- ފޮޓޯ/ އާރްޓީ
މުރުތާޒަށް މެސީ ސޮއިކޮށް ޖާޒީއެއް ފޮނުވިކަން މެސީގެ މެނޭޖްމެންޓް ޓީމުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ޖާޒީ ލިބުމާ އެކު މުރުތާޒު ބުނެފައި ވަނީ "މެސީ ދެކެ ވަރަށް ލޯބިވޭ އަދި މެސީ ވެސް އަހަރެން ދެކެ ލޯބިވާކަން އެނގޭ" ކަމަށެވެ.
މުރުތަޒާ އަހްމަދަކީ އަފުޣާނިސްތާންގެ ޣަޒުނީ ޕްރޮވިންސްގައި ދިރިއުޅެމުންދާ ކުއްޖެކެވެ. އޭނާއަކީ އާޖެންޓީނާއާއި ބާސެލޯނާގެ ސަޕޯޓަރެކެވެ. އޭނާގެ އެންމެ މަގުބޫލު ކުޅުންތެރިޔަކީ މެސީއެވެ. ނަމަވެސް އާއިލާގެ މާލީ ނުތަނަވަސް ކަމާ ހުރެ މުރުތާޒަކަށް މެސީގެ ޖޯޒީއެއް ނުލިބުނީ އެވެ.
މައުލޫމާތު: ބީބީސީ