26 Feb 2016, 10:54
ބްރިޓިޝް ފޯނޯގްރަފިކް އިންޑަސްޓްރީ އިން ޕޮޕް މިއުޒިކުގެ ދާއިރާއިން ދޭ އަހަރީ އެވޯޑު "ބްރިޓްސް އެވޯޑްސް"ގައި މިއަހަރު، އިނގިރޭސި ލަވަކިޔުންތެރިޔާ އެޑޭލް އެޑްކިންސްއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ބުދަ ދުވަހު ބޭއްވި ބްރިޓްޝް 2016 އެވޯޑު ހަފްލާގައި، އެޑޭލްއަށް ވަނީ ޖުމްލަ ހަތަރު އެވޯޑެއް ލިބިފަ އެވެ. އެއީ ބްރިޓިޝް ފީމޭލް ސޯލޯ އާޓިސްޓް އެވޯޑާއި، ބްރިޓްސް ގްލޯބަލް ސަކްސެސް އެވޯޑާއި، އޭނާގެ އަލްބަމް "25" އަށް ބްރިޓިޝް އަލްބަމް އޮފް ދަ އިޔާ އެވޯޑާއި އަދި އޭނާ އެންމެ ފަހުން ރިލީޒްކުރި ލަވަ "ހެލޯ"އަށް ބްރިޓިޝް ސިންގަލް އޮފް ދަ އިޔަރ އެވޯޑެވެ.
އަހަރުގެ އެންމެ މޮޅު ފިރިހެން ސޯލޯ އާޓިސްޓުގެ އެވޯޑު ލިބިގެން ދިޔައީ ޖޭމްސް ބޭ އަށެވެ. އިނގިރޭސި ވިލާތުގެ އެންމެ މޮޅު މިއުޒިކް ބޭންޑުގެ އެވޯޑު ކޯލްޑްޕްލޭއަށް ލިބުނު އިރު އެންމެ މޮޅު އިންޓަނޭޝަނަލް ބޭންޑުގެ އެވޯޑު ލިބުނީ ޓޭމް އިމްޕާލާއަށެވެ.
އިންޓަނޭޝަނަލް މޭލް ސޯލޯ އާޓިސްޓުގެ ބްރިޓްސް އެވޯޑު މިއަހަރު ލިބިގެން ދިޔައީ ޖަސްޓިން ބީބާ އަށެވެ. އަދި އިންޓަނޭޝަނަލް ފީމޭލް ސޯލޯ އާޓިސްޓް އެވޯޑު ލިބުނީ އައިސްލޭންޑްގެ ލަވަކިޔުންތެރިޔާ ޕިޔޯކްއަށެވެ.
މި އަހަރުގެ އެންމެ މޮޅު މިއުޒިކް ޕްރޮޑިއުސަރުގެ އެވޯޑު ޗާލީ އެންޑްރޫއަށް ލިބުނު އިރު، އިނގިރޭސި ވިލާތުގެ ފަންނާނުންގެ މިއުޒިކު ވީޑިއޯތަކުގެ ތެރެއިން އެންމެ މޮޅު ވީޑިއޯއަކަށް ހޮވުނީ ވަން ޑައިރެކްޝަންގެ ލަވަ "ޑްރޭގް މީ ޑައުން" އެވެ. މި ލަވައަށް އެވޯޑު ލިބުނީ އެޑޭލްގެ "ހެލޯ"އާއި، އެޑް ޝީރަންގެ "ތިންކިންގް އައުޓް ލައުޑް"އާއި، ޖެސީ ޖޭގެ ލަވަ "ފްލޭޝްލައިޓް"ގެ އިތުރުން ލިޓްލް މިކްސްގެ "ބްލެކް މެޖިކް"އާ ވާދަ ކުރުމަށް ފަހު އެވެ.
ބްރިޓްސް އެވޯޑް 2016 ހަފްލާގައި، މިއަހަރު މަރުވެގެން ދިޔަ އިނގިރޭސި މިއުޒިކީ ފަންނާނު ޑޭވިޑް ބޯވީއަށް ވަނީ އިހްތިރާމު އަދާކޮށްފަ އެވެ. އަދި ޑޭވިޑް ބޯވީއަށް ވަނީ ބްރިޓްސް އައިކަން އެވޯޑް ވެސް ދީފަ އެވެ. ބޮވީގެ ފަރާތުން އެވޯޑާއި ހަވާލުވީ އޭނާގެ ގާތް އެކުވެރިޔާ ގޭރީ އޯލްޑްމަން އެވެ. އެއަށް ފަހު، ބޮވީގެ ކުރީގެ ބޭންޑާއި އެކު، ނިއުޒިލެންޑްގެ މިއުޒިކީ ތަރި ލޯރޑް ވަނީ އެވޯޑު ހަފްލާގައި ލަވައެއް ވެސް ހުށަހަޅައިފަ އެވެ.
މައުލޫމާތު : ބީބީސީ