މިދިޔަ ހަފްތާގައި ބޭންކުތަކަށް އެމްއެމްއޭ އިން ޑޮލަރު ވިއްކި އަދަދަށް ވުރެ މިހަފްތާ އަށް ވިއްކި އަދަދު 20 ޕަސެންޓް އިތުރުކޮށް، ނީލަމު އުސޫލުން ބޭންކްތަކަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ޑޮލަރު ވިއްކައިފި އެވެ.

ޑޮލަރުގެ އަގަށް ބޮޑުބަދަލެއް ސަރުކާރުން ގެނައިފަހުން މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންނަނީ އެންމެ ރަނގަޅު އަގެއް ހުށަހަޅާ ބޭންކަކަށް ނީލަމުގެ އުސޫލުން ޑޮލަރު ވިއްކަމުންނެވެ. މިދިޔަ ހަފްތާގައި ވެސް އެމްއެމްއޭ އިން ވަނީ ބޭންކުތަކަށް ޑޮލަރު ވިއްކައިފަ އެވެ.

އެމްއެމްއޭ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ މި ހަފްތާގައި ބޭންކުތަކަށް ވިއްކި ޑޮލަރު މިއަދު ވިއްކީ މިދިޔަ ހަފްތާ ވިއްކި އަދަދަށް ވުރެ 20 ޕަސެންޓް އިތުކޮށް ކަމަށެވެ.

ނަމަވެސް އެމްއެމްއޭ އިން ޑޮލަރު ވިއްކި އަދަދެއް އަދި އެއީ ކޮން ބޭންކުތަކެއް ކަމެއް ވެސް އެ އިދާރާ އިން ހާމައެއް ނުކުރެ އެވެ. އެ މައުލޫމާތު ހޯދުމަށް ސަން އިން މިހާތަނަށް ކުރި މަސައްކަތް ވެސް ވަނީ އެމްއެމްއޭގެ އިސްވެރިއެއްގެ ބަހެއް ނުލިބުމުން ނާކާމިޔާބުވެފަ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި 2.5 މިލިއަން ޑޮލަރު ވިއްކާފައި ވަނީ އެންމެ ދެ ބޭންކަށެވެ.

ޑޮލަރުގެ އަގު ވަކި ބޭންޑެއްގެ ތެރެއަށް ފެއްތުމުގެ ކުރިން އެމްއެމްއޭ އިން ޑޮލަރު ވިއްކަމުން އައީ ހަފްތާއަކު އެއްފަހަރު ހުރިހާ ބޭންކަކަށް ވެސް ހަމަ ހަމަކޮންނެވެ.

އެމްއެމްއޭއިން ނީލަމުގައި ޑޮލަރު ވިއްކަމުން ދިޔައަސް ރާއްޖޭގައި ހުރި ބޮޑަތި ބައެއް ބޭންކުތަކުން އެއްގޮތަކަށްވެސް ޑޮލަރެއް ނުވިއްކަ އެވެ. އަދި ވިއްކާ ބޭންކުތަކުންވެސް ޑޮލަރު ވިއްކަމުން އަންނަނީ ކޮންޓްރޯލް ކޮށްގެންނެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑޮލަރު ގަނެ ވިއްކާ އަގު 10.28ރ. އާއި 15.42ރ. އާ ދެމެދަށް ސަރުކާރުން މިހާރު ވަނީ ޕެގް ކޮށްފަ އެވެ.