25 Feb 2016, 20:29
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެންސް (އާކު)އިން، ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި، އެ ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ އާކުގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އާކް އަށް އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ/ އަބްދުﷲ ހަންމާދު
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާކުގެ އެގްޒެކެޓިވް ޑިރެކްޓަރު ޒެނީޝާ ވިދާޅުވީ، އާކު އިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ހަމަހަމަ ގޮތެއްގައި އެ ކުދިންނަށް ފޯރުކޮށް ދިނުމަށް ކަމަށެވެ.
ޒެނީޝާ ވިދާޅުވީ، ފާއިތުވި އަހަރުގައި އާކުގެ ކެމްޕެއިންތައް އިތުރު އަތޮޅުތަކާއި ރަށްތަކުގައި ހިންގައި އޭގެ މަންފާ ސީދާ ގޮތެއްގައި އެތަކެއް ފަރާތްތަކަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
"2015 ވަނަ އަހަރު އާކުން ހިންގި ހޭލުންތެރިކުރުމުގެ ސެޝަންތައް މާލެ ސަރަހައްދުގެ އިތުރުން 10 އަތޮޅެއްގެ 27 ރަށެއްގައި ހިންގައި، އެ ސެޝަންތަކުގައި 5911 ދަރިވަރުންނާއި 2049 ބެލެނިވެރިން ބައިވެރިވެފައިވޭ. އަދި 723 ޓީޗަރުން ތަމްރީނު ކުރެވިފަވޭ،" ޒެނީޝާ ވިދާޅުވިއެވެ.
ޒެނީޝާ ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ޗައިލްޑް ޕްރޮޓެކްޝަން ސިސްޓަމް އަދި ކުޑަކުދިންނާ ގުޅުން ހުރި ގާނޫނުތައް ޒަމާނާ ގުޅޭ ގޮތަށް ހަރުދަނާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.
"މިހާރު ޑްރާފްޓުކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރާ ގާނޫނާއި ކުޑަކުދިންގެ ޖިނާއީ އަދުލުގެ ގާނޫނު ވީއެންމެ އަވަހަށް ފާސް ކުރުމަށް އާކުން ގޮވާލަން... އަދި ކުޑަކުދިންނަށް ކުރާ އަނިޔާގެ ރިޕޯޓުތައް ހަލުވިކަމާއެކު ތަހުގީގުކޮށް އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކޮންމެ ކުއްޖަކަށް ވެސް ހައްގުވެގެންވާ އިންސާފު ހޯދައި ދިނުމަކީ މަޖުބޫރު ކަމެއް،" ޒެނީޝާ ވިދާޅުވިއެވެ.
ހަމައެހެންމެ، ސަރުކާރުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުންދާ ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އިތުރުން އެކި އަނިޔާތައް ތަހައްމަލު ކުރަމުންދާ ކުދިންނާއި ޖިނާއީ އަދުލުގެ ނިޒާމު ދަށުގައި ތިބި ކުދިންގެ ހާލަތު ރަނގަޅު ކުރުމަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް އާކް އަށް އެހީތެރިވެދިން ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން --- ސަން ފޮޓޯ/ އަބްދުﷲ ހަންމާދު
މިއަދުގެ ރަސްމިއްޔާތުގައި ވަނީ، މި އަހަރު އާކުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ރާވާފައި ހުރި މަސައްކަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް އެހީތެރިވެދޭނެ ފަރާތްތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އެގޮތުން ހަ ފަރާތަކާއެކު މިއަދުގެ ރަސްމިއްޔާތުގައި ވަނީ ސޮއި ކޮށްފައެވެ.