25 Feb 2016, 19:31
ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ނަމުގައި ހާއްސަ ސެންޓަރެއް ރައީސް އަބްދުﷲ ޔާމީން މިއަދު އުފައްދައްދަވައިފި އެވެ.
ޓެރަރިޒަމުގެ ހަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ދިވެހިރާއްޖޭގައްޔާއި، ބައިނަލްއަޤްވާމީ މަސްރަހުގައި މަސައްކަތް ކުރުމަކީ އެ ސެންޓަރުގެ މަގްސަދުކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދިވެހިސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުއައްސަސާތަކާ ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް އެ ސެންޓަރުގެ ދަށުން މަސައްކަތް ކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
އެ ސެންޓަރަކީ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެވި ތަނެކެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ދަށުން، ޓެރަރިޒަމުގެ އަމަލުތަކާގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އިސްފަރާތަކީ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުކަމަށް ރައީސް ޔާމިންވަނީ ކަނޑައަޅުއްވާފަ އެވެ.
ނެޝަނަލް ކައުންޓަރ-ޓެރަރިޒަމް ސެންޓަރު ހިންގާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ހަމަޖައްސަވާފަ އެވެ.