25 Feb 2016, 19:24
ރާއްޖެއާއި އަވައްޓެރި އިންޑިއާ ގުޅިގެން ޓުއަރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ޖޮއިންޓް ވޯކިންގް ގްރޫޕެއް އުފައްދަން ނިންމައިފި އެވެ.
ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން އިންޑިއާގެ ޔޫނިއަން މިނިސްޓަރު މަހޭޝް ޝަރުމާ ވިދާޅުވީ ރާއްޖެއާ އެކު އޮތް ފަތުރުވެރިކަމުގެ ގުޅުން އިތުރަށް ކުރިއަރުވަން ބޭނުންވާ ކަމެށެވެ. އެހެންކަމުން އަދި ފަތުރުވެރިކަން ކުރިއަރުވަން ދެގައުމަށްވެސް ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މަހޭޝް ވިދާޅުވި އެވެ.
ދެގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ފަތުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދެގައުމުގެ ދެމެދުގައި އެއްބަސްްވުމެއްގައި ސޮއިކިރެވިގެންދާނެ ކަމަށް މަހޭޝް ވަނީ ވިދާޅުވެފަ އެވެ. މަހޭޝް އިތުރަށް ވިދާޅުވީ ރާއްޖެއާ އެކު ގުޅުން ބަދަހިކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
ޓުވަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަލަށް ހުޅުވިގެން ދިޔަ އޭޕްރަންއާ ގުޅޭގޮތުން ނޫސްވެރިން ނާ ވާހަކަފުޅުދައްކަވަނީ: ސަން ފޮޓޯ/ ފަޔާޒު މޫސާ
ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ ނޫސްތަކަށް ވިދާޅުވެފައި ވަނީ ވޭތުވެ ދިޔަ އަހަރުވެސް އިންޑިއާގެ 50،000 ހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އެ އަދަދު އިތުރުވެގެން ދިއުމަކީ ދެ ގައުމުގެ ގުޅުން ބަދަހިވުމަށް އެޅޭ ފާލަމެއް ކަމަށެވެ. އަދިވެސް ދެގައުމު ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އިންޑިއާ އަދި ރާއްޖެއާ ދެމެދު ކުރެވޭ ވައިގެ ދަތުރުފަތުރުތަކަށްވެސް ހެޔޮ ބަދަލެއް ގެނެސް ފަތުރުވެރިންނަށް ފަސޭހަ ނިޒާމްތަކެއް ގާއިމް ކުރުމަށް ދެގައުމު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ޒަމީރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓަސް އަދި ފެޑެރޭޝަން އޮފް ހޮޓެލް އެންޑް ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް އިންޑިއާގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.