24 Apr 2011, 17:41
މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ރީއެކްސްޕޯޓް ކުރާ ޖެޓް ފިއުލްގެ ރޯޔަލްޓީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 70.28 މިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަދު ދައްކައިފި އެވެ.
މީރާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސާވިސަސް، ފަތުހުﷲ ޖަމީލު މިއަދު ހަވީރު ވިދާޅުވީ، ޖީއެމްއާރުން ދައްކައިފައި ވަނީ ފާއިތުވި ހަތަރު މަސް ދުވަހުގެ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 3.9 މިލިއަން ޑޮލަރު (60 މިލިއަން ރުފިޔާ) ކަމަށެވެ. އެއީ ނޮވެމްބަރު 25، 2010 ގައި އެއާޕޯޓް ހިންގުމާ ހަވާލުވުމަށް ފަހު ޖީއެމްއާރުން ނުދައްކައި އޮތް ސާވިސް ޗާޖު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ޖީއެމްއާރުން ދައްކައިފައިނުވާ ތެލުގެ ރޯޔަލްޓީގެ ގޮތުގައި މިއަދު 10.28 މިލިއަން ރުފިޔާ މީރާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.
އެހެންކަމުން، ހަތަރު މަސް ދުވަހުގެ ރޯޔަލްޓީ އާއި ސާވިސް ޗާޖު ގޮތުގައި އެކު ޖުމްލަ ޖީއެމްއާރުން ވަނީ ޖުމްލަ 70.28 މިލިއަން ރުފިޔާ މިއަދު ސަރުކާރަށް ދައްކައިފަ އެވެ.
ޖީއެމްއާރުން ކުރިން ބުނެފައި ވަނީ ސާވިސް ޗާޖު ނުދެއްކި އޮތީ އިދާރީ މައްސަލައަކާ ގުޅިގެން ކަމަށާއި އަދި ރޯޔަލްޓީ ދައްކާނީ ގާނޫނީ ގޮތުން އެ މައްސަލަ އޮތް ގޮތެއް ދިރާސާކުރުމަށް ފަހު ކަމަށެވެ.
އެގޮތުން ޖީއެމްއާރުން މިއަދު ބުނީ، ޖެޓް ފިއުލް ރީއެކްސްޕޯޓް ކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އާއި ސަރުކާރާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ޒިންމާ ވެސް އެއާޕޯޓާ ހަވާލުވުމަށް ފަހު ޖީއެމްއާރުން ނަގައިފައިވާތީ، އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް ރޯޔަލްޓީ ދެއްކުން ލާޒިމްވާ ކަން މިހާރު އެނގިފައިވާ ކަމަށެވެ. އަދި ފޮރިން އިންވެސްޓްމެންޓް ގާނޫނުގެ ދަށުން ހަދައިފައިވާ އެއްވެސް ކޮންސެޝަން އެގްރިމެންޓެއްގައި ރީއެކްސްޕޯޓްކުރާ ތެލުން ސަރުކާރަށް ދައްކަން ޖެހޭ ރޯޔަލްޓީ އެއްކޮށް މައާފުކޮށްދީފައި ނުވާތީ، މާލެ އެއާޕޯޓުން ރީއެކްސްޕޯޓްކުރާ ތެލުން ވެސް ރޯޔަލްޓީ ދައްކަން ނިންމީ ކަމަށް އެކުންފުނިން ބުނެ އެވެ.
ޖީއެމްއާރުން އެއާޕޯޓް ސާވިސް ޗާޖާއި ޖެޓް ފިއުލްއަށް ރޯޔަލްޓީ ނުދައްކާ މައްސަލަ ފެންމަތިވީ، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ހިސާބު މީރާ އިން އާއްމުކުރިއިރު އެ ދެބައިން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށްފައި ވާތީ އެވެ.
އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް މުއްދަތުތެރޭ އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 5.7 މިލިއަން ރުފިޔާ ލިބުނު އިރު، މި އަހަރުގެ މިހާތަނަށް އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބެ އެވެ.
އަދި ރީއެކްސްޕޯޓް ކުރާ ފިއުލްގެ ރޯޔަލްޓީ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރަށް ލިބުނު، 6.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނީ އެންމެ 834601ރ. ރުފިޔާ އެވެ.
ޖީއެމްއާރުން އެއާޕޯޓާ ހަވާލުވުމަށްފަހު ވޭތުވެދިޔަ މަސްތަކުގަ ސަރުކާރަށް ދައްކަން ޖެހޭ ތެލުގެ ރޯޔަލްޓީ ދައްކައިފައިނުވާ މައްސަލަ އިދިކޮޅު ޕީޕަލްސް އެލައަންސް )ޕީއޭ( އިން ވަނީ މިދިޔަ ހަފްތާތެރޭ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ހުށަހަޅައިފަ އެވެ.