25 Feb 2016, 17:29
އެމްއެންޑީއެފްގެ އޯޑްނެންސް ސާވިސް (ބަޑި ގުދަން)ގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑުންގެ ބަންދަށް 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.
ހަތަރު މަހަށްފަހު ސިފައިންގެ ބަންދުން ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"އަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ވަނީ ބުނެފަަ އެވެ. އަދި މިއދު ކްރިމިނަލް ކޯޓުން އެތިން މީހުންގެ ބަންދަށްވެސް 15 ދުވަސް ޖެހިކަން ފުލުހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.
ޕާޕާއާއެކު ކަޅުދުއްކަލާ ކޮށީގައި ބަންދުކޮށްފައި ތިބި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރު ސިފައިންގެ މަސައްކަތުން ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މީހުން ސިފައިންގޭގައި ބަންދު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މެދުތެރޭގަ އެވެ.
ކަޅުތުއްކަލާ ކޮށީގައި ފަޔާޒު ބަންދުކޮށްފައި ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ވެރިޔާގެ މަގާމުން ދުރުކުރުމަށްފަހު އެވެ. އޭނާ އެންމެ ފަހުން ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދަށް އާމިރު ގެންގޮސްފައިވާއިރު، ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއާ ގުޅިގެން އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.