25 Feb 2016, 17:05
ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)އިން ރާއްޖެއަށް ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ހުށަހަޅާފައިވުމުން އިދިކޮޅު އެމްޑީޕީ އިން މަރުހަބާ ކިޔައިފި އެވެ.
ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ މީޓިންގައި ސީމެގް އެޖެންޑާގައި ރާއްޖެ ހިމެނުމާމެދު ވަކި ގޮތެއް ނުނިންމައި، ނިންމާފައި ވަނީ ރާއްޖޭން ވަކި ކަންތައްތަކެއް އެކަށީގެންވާ މުއްދަތެއްގައި ހިނގަމުންދޭތޯ ބެލުމަށެވެ.
ސީމެގް އިން ރާއްޖެއަށް ހުށަހެޅި ކަންތައްތަކާ ގުޅިގެން އެމްޑީޕީން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ސީމެގުން ހުށަހެޅި ކަންތައްތަކުގެ ސަބަބުން އެ ޕާޓީ އިން ކުރަމުން އަންނަ މަސައްކަތްތަކާއެކު ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ، މަގުސަދެއް އޮވެގެން ކުރިއަށްދާ މަޝްވަރާތަކަށް އެމްޑީޕީ އިން ތައްޔާރަށް އޮތް ކަމަށާއި ސިޔާސީ މަޝްވަރާތަކުގެ މަގުސަދަކަށް ވާންޖެހޭނީ ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު އޮންނަ ހިޔާލުތަފާތުވުންތައް ނައްތާލައި، ގައުމީ ކަންކަން އިސްކޮށް ސިޔާސީ ހަރާކާތްތަކަށް ގައުމުގައި އެކަށީގެންވާ މާހައުލެއް ގާއިމު ކުރުން ކަމަށް އެ ޕާޓީއިން ވަނީ ބުނެފަ އެވެ.
ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސީމެގް އިން ހުށަހަޅާފައިވުމުން އެމްޑީޕީ އިން ވަނީ އެއީ ސިޔާސީ މަޝްވަރާ ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި ބުނެފަ އެވެ.
ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންތައް:
ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުން
- ސިޔާސީ ލީޑަރުން މިނިވަންކުރުން
- ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުން
- ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުން
- ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުން
- ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން
ރާއްޖޭގެ ގާނޫނުތައް އިތުރަށް ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ކޮމަންވެލްތު ސެކްރެޓޭރިއަޓުން ދިނުމަށާއި ކޮމަންވެލްތުން ހުށަހެޅި ކަންތައްތަކާއި މެދު ރާއްޖޭން އަމަލުކޮށްފައިވާ ގޮތް އަންނަ އޭޕްރިލް މަހު ބާއްވާ ބައްދަލުވުމުގައި ބަލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ކޮމަންވެލުތުގެ ނިންމުމަށް އިހުތިރާމްކޮށް، ސީމެގް އިން ހުށަހެޅި ކަންކަން ފުރިިހަމަ ކުރުމަށް އެމްޑީޕީ އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.