ފެނަކަ ކޯޕަރޭޝަންގެ ވިޔަފާރި އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި އާ ބިޒްނަސް މޮޑެލް އެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުތަކާއި ކުރިއަށް ރޭވިފައި ހުރި ޕްރޮޖެކްޓުތަކާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް އެ ކޯޕަރޭޝަންގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެނޭޖިންގު ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ, ހަމައެކަނި ކަރަންޓު ހިދުމަތް ފޯރުކޮށްދީގެން ލިބޭ އާއްމުދަނީ އަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވެން ނެތް ކަމަށެވެ.

"މިއަދު ކުންފުނީގެ މަސައްކަތްތައް ހުރި ގޮތުން އަޅުގަނޑުމެންނަށް ހަމައެކަނި ކަރަންޓު ރައްޔިތުންނަށް ފޯރުކޮށްދީގެން ލިބޭ އާއްމުދަނީ އިން އަޅުގަނޑުމެން ކުންފުނީގައި އެހެނިހެން ކަންތައްތައްކޮށް ނޫނިއްޔާމު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ތަރައްގީ އެކްސްޕެންޝަން ގެނެވޭ ކަށެއް ނެތް އަޅުގަނޑުމެން އިތުރު އެހެން ދިމަ ދިމާލަށް ވިޔަފާރި ފުޅާ ނުކޮށެއް،" ނިމާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ބިޒްނަސް މޮޑިއުލެއް ހެދުމަށް މިހާރު ކުންފުންޏަކާ ހަވާލު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ބިޒްނަސް މޮޑިއުލް ލިބޭނެ ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.

"އެއް ބޭނުމަކީ އަޅުގަނޑުމެން ގެޕް އެނާލިސިސް އެއް ހެދުން. ދެން އަދި އޭގެ އިތުރުން އަޅުގަނޑުމެން ކޮންކޮން ދިމަދިމާލަށް އިންވެސްޓުކޮށްގެން ނުވަތަ ކޮންކޮން ވިޔަފާރިތަކަކަށް އަޅުގަނޑުމެން ވަދެގެންތޯ ކުންފުންޏަށް އޭގެ އެންމެ މާލީ ގޮތުންނާއި އަދި ކުންފުނި އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންކޮން ކަންތައްތަކެއްތޯ ކުރެވޭނީ." ނިމާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަރަންޓާއި ފެން އަދި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުންވެސް، ކުންފުންޏަށް ފައިދާ ލިބޭ އެހެނިހެން ދާއިރާތަކަށް އިންވެސްޓު ކުރުމުގެ ފުރުސަތު އަސާސީ ގަވާއިދުން ހުއްދަ ކުރާ ކަމަށެވެ.