25 Feb 2016, 16:12
ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާއި ގުޅިގެން ހޯދަން އިއުލާންކޮށް، އިންޓަޕޯލުން ރެޑްނޯޓިސް ނެރެފައިވާ މީހުންގެ ތެރެއިން މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް (މޮހޯ) އަދި މ. ލޭންޑްއޮފްގާޑްން، އަޙްމަދު އިޝްފާހް ޢަލީ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް 14 ދުވަހުގެ މުއްދަތެއް ދީފި އެވެ.
ފުލުހުން ބުނެފައި ވަނީ އެ ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ މައްސަލައިގެ ތަޙްގީގު ނިމިފައިވާ ކަމަށާއި، ދެމީހުންވެސް ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެމުން އަންނާތީ ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން އެދެމީހުންނާ، ތަޙުގީގަށް ކުރަންޖެހޭ ސުވާލުތައްކުރުމަށާއި އަދި އެދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ފަހު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދުން ފެށިގެން 14 ދުވަސްތެރޭ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް އެ ދެމީހުންނަށް ވަނީ އަންގާފަ އެވެ.
ފަހު ފުރުސަތުގެ ތެރޭގައި ދެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރުނުވެއްޖެނަމަ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަަތަކާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް އެދެމީހުންގެ ޣައިރު ހާޒިރުގައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށްވެސް ވަނީ އަންގާފަ އެވެ.
އެ ދެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެނީ ނުރައްކާތެރި ހަތިޔާރުން ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި ނުރައްކާތެރި ހަތިޔާރުބޭނުންކޮށްގެން ހަމަނުޖެހުން ހިންގުމާއި ފިސްތޯލައިގެ ވިޔަފާރި ކުރުމުގެ އިތުރުން ޓެރަރިޒަމްގެ ތުހުމަތެވެ.
އޭގެ އިތުރުން މޮހޯ އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައިވެސް ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.