ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގެ ޝަރީއަތަށް ހެކި ހުށަހެޅުމަށް ހަފްތާއެއްގެ މުހުލަތު ކްރިމިނަލް ކޯޓުން ދީފިއެވެ.

ދައުލަތުގެ ފަރާތުންނާއި ދައުވާ ލިބޭ މީހުންގެ ފަރާތުން ހެކި ހުށަހެޅުމަށް ހަފްތާއެއްގެ މުހުލަތު ދީފައި ވަނީ ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ޖައިލަމްގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެ ތިން މީހުންގެ ތެރެއިން ވ. ސިނަމާލެ ފްލެޓު، އިސްމާއީލް އަނީގުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ސ. ފޭދޫ ވީނަސްވިލާ، ނަސީބު ސައީދާއި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

އެ ތިން މީހުން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފައެވެ.

ޖައިލަމަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދު ހޯދުމަށް އިންޓަޕޯލުން ވަނީ ރެޑްނޯޓިސް ވެސް ނެރެފަ އެވެ. ނަމަވެސް އަދިވެސް އޭނާއެއް ނުފެނެ އެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަންހާއިރު ހ. ހަންޑްރެޑްފްލާވާ ގޭގެ ކައިރީގައި ޖައިލަމް ހުއްޓައި އިތުރު މީހަކާ އެކު އަނީގާއި ނަސީބާއި އިރުފާން ދެ ސައިކަލެއްގައި އެތަނަށް ދިޔަ ކަމަށެވެ.

އަދި އަނީގާ އެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމާ މެދު މާރާމާރީ ހިންގިއިރު، އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެއަށް ފަހު ނަސީބާއި އިރުފާނު ސައިކަލުގައި މާރާމާރީ ހިންގި މީހުން ގޮވައިގެން އެ ސަރަހައްދުން ގޮސް އެމީހުން ފިލުވަން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެ މައްސަލަ ބެލުމަށް މީގެ ކުރިން ފަނޑިޔާރުންގެ ބެންޗެއް ވެސް އެކުލަވާލި އެވެ. ނަމަވެސް ފަހުން ވަނީ އެ ބެންޗު އުވާލައިފަ އެވެ.