ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ބެލުމުގައި އިހުމާލުވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ، ވިލިމާލޭގައި ދިރިއުޅޭ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި އެގޭގައި ދިރިއުޅޭ އެހެންކުދިން ބެލުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ މައްސަލައެއްގައި ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ ފެމެލީ ޕްރޮޓެކްޝަން ކޮންސަލްޓެންޓް އަކްރަމް ހުސެއިން މިއަދު ސަން އަށް ވިދާޅުވީ، ފުލުހުންގެ އެންގުމަށް އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެމައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ އިރު މައްސަލައިގެ ތަފްސީލް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކަމާ ބެހޭ އިދާރާއަކުން ސަން އަށް މައުލޫމާތު ދީފައިވާ ގޮތުގައި، 14 އަހަރުން ދަށުގެ އަށް ކުއްޖަކު ބެލުމުގައި އިހުމާލް ވެފައިވާ މައްސަލަތަކެއް އެކަމުގައި ހިމެނެއެވެ. އޭގެ ތެރެއިން ޖިންސީ ގޯނާ ލިބެމުންދަނީ 14 އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ކުދިންނަށް ގޯނާކުރާ ކަމަށް ބެލެވެނީ އެކުދިން ކުއްޔަށް އުޅޭ ގޭގެ ވެރި ފަރާތުންނެވެ.

އެކުދިންގެ މަންމަ މާލެއަށް ވަޒީފާ އަށް އަންނައިރު ބައްޕަ ދިރިއުޅެނީ އަތޮޅު ތެރޭގެ ރަށެއްގަ އެވެ. އެ ހުރިހާ ކުދިން ބެލުމުގެ ޒިންމާ ހަވާލުކޮށްފައި ވަނީ 14 އަހަރުގެ ކުއްޖާއާ ކަމަށްވެސް ސަން އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.