މަސްތުވާތަކެތި ގެންގުޅުނު މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހ. ފޭދޫގޭ ހުސައިން ޝިޔާޒުގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ހ. ފޭދޫގޭ ހަ ވަނަ ފަންގިފިލާގައި 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ އިރުއޮއްސުނު ވަގުތު ފުލުހުން ބަލައި ފާސްކުރި އިރު، އޭނާ ދިރިއުޅޭ އެޕާޓްމަންޓާ ދިމާލު ބޭރު ބެލްކަނީގައި ހަރުކޮށްފައި ހުރި އެއާކޮންޑިޝަނާއި ފާރާ ދެމެދު އޮތް ކޮތަޅަކުންނާއި އެ އެޕާޓްމަންޓުގެ ޓެރެސްގައި ހުރި ކުޑަ ގުދަނަކުން މަސްތުވާތަކެތި ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

ޝިޔާޒު ދިރިއުޅޭ ކޮޓަރިން ފެނުނު މަސްތުވާތަކެތި ހޭކިފައި ހުރި ފިލާގަނޑަކުން ޝިޔާޒުގެ ފިންގާ ޕްރިންޓު ފެނިފައިވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް ޝިޔާޒަށް ވަނީ އަންގައިފަ އެވެ.