ގާނޫނީ ހުކޫމަތު ހިންގުމާއި ބާރުތައް ވަކިކޮށްފައި ބޭއްވުން ފަދަ ކަންކަމުގައި ކޮމަންވެލްތުގެ އަގުތަކަށް ރާއްޖޭން އަމަލު ނުކުރާ ނަމަ ރާއްޖެ އެޖަމާއަތުން ސަސްޕެންޑް ކުރަން ކޮމަން ވެލްތު ހިއުމަން ރައިޓްސް އިނިޝިއޭޓިވް (ސީއެޗްއާރްއައި) އިން ހުށަހަޅައިފި އެވެ.

ސީއެޗްއާރްއައިގެ ފެކްޓް ފައިންޑިން މިޝަނުން ރާއްޖެއަށް ކުރި ދަތުރަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައި ރާއްޖެއާ މެދު އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖޭގެ ކަންތައްތައް ކައިރިން ބަލަމުން ދިއުން ވެސް ހިމެނެ އެވެ.
ސީއެޗްއާރްއައި އިން ވަނީ ދިވެހި ސަރުކާރުން ކުރަންވީ ކަންތައްތަކެއް ވެސް ހުށަހަޅައިފަ އެވެ.

އެގޮތުން ހުށަހަޅާފައި ވަނީ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލަށް އިހުތިރާމްކުރުމާއި ގާނޫނު އަސާސީގައިވާ ގޮތަށް އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށާއި ގާނޫނުތަކާއި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން ނޫސްވެރިންނަށް ފިއްތުންތައް ކުރިމަތިނުކުރުމަށާއި ސިޔާސީ ގައިދީން މިނިވަން ކުރުން ހިމެނެ އެވެ.

ބައިނަލް އަގުވާމީ މުޖުތަމައުން ރާއްޖެއާ މެދު އަޅަން ފެންނަ ފިޔަވަޅުތަކެއް ވެސް އެ ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ހުށަހަޅާފައި ވަނީ ރާއްޖޭގެ ކަންތައްތައް ކައިރިން ބަލަމުން ދިއުމާއި ހާލަތު އިތުރަށް ގޯސްވަމުންދާ ނަމަ ދަތިކުރުމުގެ ފިޔަވަޅު އެޅުމެވެ.

އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހިމެނޭ ގޮތުން ހުރިހާ ސިޔާސީ ގައިދީން މިނިވަން ކުރުމަށް ގޮވައިލުމަށް ވެސް ވަނީ ބައިނަލް އަގުވާމީ މުޖުތަމައަށް ހުށަހަޅާފަ އެވެ.

ރާއްޖޭ ޚުދުމުޚުތާރު ކަމަށް ބަދަލުވެފައިވާ ކަމަށް ރިޕޯޓްގައި ވަނީ ތުހުމަތުކޮށްފަ އެވެ. އެގޮތަށް ރާއްޖޭގެ ކަންތައްތައް ބަދަލުވެފައިވާ ކަމުގެ ހެކިތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ:

  • ޝަރުއީ ނިޒާމާއި ގާނޫނު ހަދާ ބާރު (ރައްޔިތުންގެ މަޖިލިސް) އަދި ވެރިކަން ކުރާ ބާރު ވަކިވެފައި ނެތުން.

  • ފަނޑިޔާރުންގެ ގޮތުގައި ތިބި ގިނަމީހުންނަކީ ކުރީގެ ޚުދުމުޚުތާރު ވެރިކަމުގެ ދުވަސްވަރު އައްޔަންކޮށް، އަދި ފަހުން ޖޭއެސްސީން އައްޔަންކޮށްފައިވާ މީހުން ކަމަށް ވުން.

  • މިނިވަން މުއައްސަސާތަކާއި ގާނޫނީ ވަކިލުންނާއި ދެކޮޅަށް ސުޕްރީމް ކޯޓުން ހަރުކަށި ފިޔަވަޅުތައް އެޅުމާއި އިންސާފުވެރި ޝަރީއަތެއް ލިބި ދިނުމުގައި އިހުމާލުވުން.

    މިނިވަން މުއައްސަސާތަކާއި ގާނޫނީ ވަކިލުންނާއި ދެކޮޅަށް ސުޕްރީމް ކޯޓުން ހަރުކަށި ފިޔަވަޅުތައް އެޅުމާއި އިންސާފުވެރި ޝަރީއަތެއް ލިބި ދިނުމުގައި އިހުމާލުވުން
    މީގެ އިތުރުން ވެސް ރާއްޖޭގައި ނުރައްކާތެރި ގިނަ ކަންތައްތަކެއް ހިނގާ ކަމަށް ރިޕޯޓްގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ސީއެޗްއައިއާރްގެ ރިޕޯޓް އިއްޔެ ޝާއިއުކޮށްފައި ވަނިކޮށް، ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުން އިއްޔެ ލަންޑަންގައި ބޭއްވި އެކްސްޓްރާ އޯޑިނަރީ މީޓިން ގައި ވެސް ވަނީ ރާއްޖޭން ކުރަން ޖެހޭނެ ކަމަށް އެޖަމާއަތުން ދެކޭ ކަންތައްތަކެއް ހުށަހަޅާފަ އެވެ.