25 Feb 2016, 15:01
މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދު މާލެގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މެޑަމް ފާތުން ވަނީ މިއަދު ހެންވޭރު އަދި ގަލޮޅުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި އެގޭތަކުގައި ދިރިއުޅުއްވާ ރައްޔިތުންގެ ހާލު އަހުވާލު އޮޅުންފިލުއްވާފަ އެވެ.
މެޑަމް ފާތުން މާލޭގެ ބައެއް ގެތަކަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ޓްވިޓާ
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ފޯނަށް ޖަވާބުނުދެއްވާތީ މެޑަމް ފާތުންގެ ޒިޔާރަތާ ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.
މެޑަމް ފާތުން މީގެ ކުރިންވެސް ހޮސްޕިޓަލުތަކުގައި ތިބޭ ބަލި މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޒިޔާރަތްކުރައްވައި އެފަރާތްތަކަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ހޯއްދަވަ އެވެ. އަދި ވީވަރަކުން އެ ފަރާތްތަކަށް އެހީތެރިކަންވެސް ފޯރުކޮށްދީ ހައްދަވަ އެވެ.
މެޑަމް ފާތުން މާލޭގެ ބައެއް ގެތަކަށް މިއަދު ކުރެއްވި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ: ޓްވިޓާ
ފިނިފެންމާ ލޯންޗުކޮޅުގައި މިދިޔަ އަހަރު ހިނގި ހާދިސާގައި އެކަމަނާއަށް ލިބުނު އަނިޔާއަށް ފަރުވާހޯއްދެވުމަށް ފަހު ރައްޔިތުންގެ ގާތަށް މިފަދަ ޒިޔާރަތެއް ކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.