އޭޝިއާގެ ކްރިކެޓް ކައުންސިލަށް ގެނައި ބަދަލުގެ ސަބަބުން ރާއްޖޭގެ ކްރިކެޓަށް އަސަރު ކުރާނެ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލު (އައިސީސީ) އިން ވަނީ އޭޝިއަން ކްރިކެޓް ކައުންސިލުން ހިންގަމުން އައި ބައެއް ޕްރޮގްރާމްތައް ސީދާ އައިސީސީއިން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މި ނިންމުމާއެކި މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އޭޝިއާގެ ކްރިކްޓް ކައުންސިލުގެ ބެލުމުގެ ދަށުން އަންނަ ގިނަ ހަރަކާތްތަކެއް ވަނީ އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ހުންނަ އައިސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިކަމާ ބެހޭގޮތުން މީޑިއާތަކާ ވާހަކަ ދައްކަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް އަހްމަދު ޙަސަން ދީދީ ވިދާޅުވީ، އޭޝިއާގެ ކްރިކެޓް ކައުންސިލުން ހިންގަމުން ދިޔަ ޑިވެލޮޕްމެންޓް ޕްރޮގްރާމްތަކާއި އެކި ފަންތީގެ މުބާރާތްތައް އައިސީސީގެ ބެލުމުގެ ދަށަށް ގެންދިއުމުން ރާއްޖެއަށް އަސަރު ކުރާނެ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ރަން މެޑަލް ހޯދި ދެ މުބާރާތް ކަމަށްވާ އިމާޖިން ނޭޝަން ކްރިކެޓް މުބާރާތާއި އޭސީސީ ކްރިކެޓް ޗެލެންޖުގެ މުބާރާތް ވެސް ވަނީ އައިސީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި ރާއްޖޭ މިހާރު ހިމެނޭ އެލީޓް ޓޯނަމަންޓްވެސް ވަނީ އައިސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކުރިން ރާއްޖެއަށް ލިބެމުން ދިޔަ ޑިވެލޮޕްމެންޓް ފުރުސަތުތަކާއި ޓްރޭނިން ޕްރޮގްރާމްތައް ލިބުން މަދުވާނެ ކަމަށް ވެސް އަހްމަދު ވިދާޅުވިއެވެ.

އައިސީސީއާއި އޭސީސީގެ ކޮންގްރެސްގެ ބައްދަލުވުމުން ނިންމާފައިވާ ގޮތުން އޭސީސީއިން ދެން ކުރިއަށް ގެންދާނެ ބޮޑު މުބާރާތަކީ އޭޝިއަން ކްރިކެޓް ކަޕެވެ.