ރަށްރަށުން ކަރަންޓް ކެނޑި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް "ކޮންޓަނަރައިޒްޑް ޕަވާ ހައުސް"ތަކެއް ގެންނަން ނިންމާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފި އެވެ.

ފެނަކައިގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ، ކޮންޓެއިނާތަކުގައި ހުންނަ މޯބައިލް ޕަވާ ސްޓޭޝަންތަކެއް ގެނެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައި އޮތް އަދަދަކީ ހައެއް ނޫނީ ހަތެއް ކޮންޓެއިނަރަޒައިޒްޑު ޕަވާ ހައުސްތަކެއް ގެނެސް އަޅުގަނޑުމެންގެ އެކި ސަރަހައްދުތަކުގައި އެންމެ ހައި ރޭންޖުން ފެށިގެން އެންމެ ލޯ ރޭންޖާ ހިސާބަށް ބެހެއްޓުން،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ، މެދުވެރިވާ ކަމަކުން ނުވަތަ ހިނގާ ހާދިސާއެއްގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދު ކެނޑިއްޖެ ނަމަ "ކޮންޓަނަރައިޒްޑް ޕަވާ ހައުސް"ގެ އެހީގައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަރަންޓު ފޯރުކޯށް ދެވޭނެ ކަމަށެވެ.

"ރައްޔިތުންނަށް މީގައި އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ހާދިސާއެއް ދިމާވެގެން ވިޔަސް ނުވަތަ ސަބަބަކާ ހުރެ ކަރަންޓު ކަނޑައިގެން ދިޔަ ކަމުގައިވި ނަމަވެސް ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ރައްޔިތުންނަށް ކަރަންޓުގެ ފޮނި މީރުކަން ލިބިގެން ދާނެ." ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ، ރާއްޖެ އަށް ގެންނަން ނިންމާފައި ވަނީ 500 އާއި 1000 މެގަ ވޮޓާ ދެމެދުގެ ޖަނެރޭޓަރުތަކެއް ކަމަށެވެ. އަދި އަންނަ މަސް މަސްތެރޭގައި ހަތް މޯބައިލް ޕަވާ ހައުސް އަކަށް އިއުލާން ކުރައްވާނެ ކަމަށް ވެސް ނިމާލް ވިދާޅުވިއެ ވެ.