25 Feb 2016, 12:47
ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމްގެ މަރުގެ ތަހުގީގުގައި ވީޑިއޯ ރިޕޯޓު ތައްޔާރުކުރި ފުލުސް މީހާ ހާޒިރުނުކޮށް އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ މިހާރު ނިއުޒީލެންޑުގައި ހުރި އެ ފުލުސް މީހާގެ ހެކިބަސް ނުނަގައި މައްސަލަ ނިންމަން ގަސްދު ކުރައްވާ ކަމަށާއި ދެން އޮންނާނީ ޚުލާސާ ބަޔާން އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި ހަމަ އެ ރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފްޔާނާއި މއ. ސީނަރީ ވިއު އާތިފް ރަޝީދުގެ މައްޗަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ވީޑިއޯ ފުޓޭޖްގެ އެނަލިސިސް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަސް ވަރަށް މުހިންމު ކަމަށާއި ނަމަވެސް އެކަމުގައި ޝަރީއަތުން ނިންމާ ނިންމުމަކަށް އިހްތިރާމް ކުރައްވާ ކަމަށެވެ.
އަރުހަމް މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މައްސަލަ ކުރިން ބެއްލެވީ ގާޒީ މުހުތާޒު ފަހުމީއެވެ. ނަމަވެސް ފަނޑިޔާރު ބަދަލުކޮށްދިނުމަށް ދައުވާ ލިބޭ އާތިފް ރަޝީދުގެ އާއިލާއިން ހުށަހެޅުމުން ދެން އެ މައްސަލަ ހަވާލުކުރީ ގާޒީ އަބްދުﷲ ދީދީއާ އެވެ. އޭގެފަހުން އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބަދަލުކުރެއްވުމުން ދެން އެ މައްސަލަ ހަވާލު ކުރީ ގާޒީ އިބްރާހީމް އަލީއާ އެވެ.