ސައުދީ އަރަބިއްޔާއަށް އެތެރެކުރަން އުޅެނިކޮށް ފާއިތުވި ހަތަރުމަސްދުވަހުގެ ތެރޭގައި އަތުލައިގަތް ހަޝިޝްގެ ބުރަދަން 16 ޓަނަށް އަރާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސައުދީ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ)ގެ އެމިރޭޓްސް 24 ނޫހުން ބުނީ ފާއިތުވި ހަތަރު މަސް ދުވަސް ތެރޭގައި ސައުދީ ޢަރަބިއްޔާއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 16 ޓަނުގެ ހަޝިޝްއާއި މަސްތުވާބާވަތުގެ 26 މިލިޔަން ބޭސް ގުޅަ ހިމެނޭ ކަމަށެވެ.

ސައުދީ ފުލުހުން އަތުލައިގެންފައިވާ ބައެއް މަސްތުވާތަކެއްޗާއި އެތަކެތި.

އެތަކެތި އަތުލައިގަތުމަށް ހިން އޮޕަރޭޝަންތަކުގައި ފުލުހުންގެ މީހަކާއި ޑްރަގް ޑީލަރުންގެ ފަސް މީހުން ވަނީ މަރުވެފައެވެ. އަދި އޭގެ އިތުރުން 28 ފުލުހަކާއި 13 ސްމަގުލަރަކު އެއޮޕަރޭޝަންތަކުގައި ޒަހަމް ވެސް ވިއެވެ.

މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހުއްޓުވުމަށް ހިންގި އޮޕަރޭޝަންތަކުގައި 953 ސުމަގްލަރުން ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން 258 މީހުންނަކީ ސައުދީ ރައްޔިތުންނެވެ. ޑްރަގް ވިއްކައިގެން ހޯދާފައިވާ 26.5 މިލިޔަން ސައުދީ ރިޔާލަ ވެސް އެ އޮޕަރޭޝަންތަކުގައި ފުލުހުން ވަނީ ހޯދާފައެވެ.