25 Feb 2016, 13:06
މާޒިޔާއަށް ކުރިމަތިވި މައްސަލައަކީ މޯހަން ބަގާންގެ ކުޅުންތެރިން މާކު ނުކުރެވުން ކަމަށް އޭއެފްސީ ކަޕްގައި މޯހަން ބާގާން އަތުން ބަލިވި މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނެފިއެވެ.
އިންޑިއާގެ ގުވަހަތީގެ އިންދިރާ ގާންދީ އެތުލެޓިކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން މާޒިޔާ ބަލީވީ 5-2 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގައި މޯހަން ބަގާންއިން ވާނީ ތިން ލަނޑު ޖަހާފައެވެ. އެޓީމުގެ ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކުރީ އިންޑިއާގެ ގައުމީ ޓީމުގެ ފޯވަޑް ޖޭޖޭ ލަލްޕޭކްލުއާއި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ކުރީގެ ފޯވަޑް ކޮނާލް ގްލެންއެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ޖަހާފައެވެ.
މާޒިޔާގެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑު އަޙްމަދު އިމާޒު (އާއްކޮ) ކާމިޔާބު ކުރިއިރު އަނެއް ލަނޑަކީ މޯހަން ބަގާންގެ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ސުޒޭން ބުނީ، މޯހަން ބަގާން ޓީމު ފެނުނީ ވަރަށް ވަރުގަދަ ޓީމެއް ގޮތުގައި ކަމަށާއި މާޒިޔާގެ ޑިފެންސަށް މޯހަން ބަގާންގެ ކުޅުންތެރިން މާކު ނުކުރެވުމުން މާޒިޔާއަށް އެޓޭކެއް އުފެއްދުމުގައިވެސް ކާމިޔާބެއް ނުވި ކަމަށެވެ.
"މޯހަން ބަގާން ވަރަށް ވަރުގަދަ. އަހަރެމެންގެ ޑިފެންސަށް އެޓީމުގެ ކުޅުންތެރިން މާކު ކުރުންވީ އުނދަގޫ ކަމަކަށް. އެހެންވެ އަހަރެމެންނަށް އެޓޭކެއްވެސް ނުކުރެވުނު،" ސުޒޭން ބުންނެވެ.
ސުޒޭން ބުނީ އެ މެޗުގައި މާޒިޔާގެ ކުޅުން އޮގޮތަށްވެސް ނުދެއްކޭ ކަމަށާއި އެޔާ ޚިލާފަށް މޯހަން ބަގާން ޓީމު ފެނުނީ ތަފާތުކޮށް ކަމަށެވެ.
އޭއެފްސީ ކަޕްގައި މާޒިޔާ ދެން ކުޅެން ޖެހޭ މެޗް ކުޅޭނީ މާލޭގައެވެ. އަންނަ މަހު ނުވަ ވަނަ ދުވަހު ހަވީރު ކުޅޭ މެޗްގައި މާޒިޔާ ބައްދަލު ކުރާނީ މިޔަންމާގެ ލީގް ޗެމްޕިއަން ޔަންގޮން ޔުނައިޓަޑާ ދެކޮޅަށެވެ.
މަސްދަރު: އޭއެފްސީ