ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްވަރާތަކުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމް އިން ބައިވެރިވާނީ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

މަޝްވަރާތަކުގައި ޕީޕީއެމް އިން ބައިވެރިވާނެ ބޭފުޅުން ކަނޑައަޅާފައި ވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުނ،ް ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.

ސަރުކާރުން ބުނެފައި ވަނީ ސިޔާސީ ޕާޓީތަކާ އެކު އަންނަ މާރިޗު މަހުގެ ދެ ވަނަ ދުވަހު މަޝްވަރާތައް ފަށާނެ ކަމަށެވެ. އަދި މަޝްވަރާތަކުގައި ބައިވެރިވާނެ ކަމުގެ އިޝާރާތެއް ބައެއް ޕާޓީތަކުން ދީފައިވާ އިރު ބައެއް ޕާޓީތަކުން މަޝްވަރާގައި ބައިވެރިކުރައްވާނެ ބޭފުޅުންގެ ނަންތައް ވެސް ފޮނުވާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މަޝްވަރާތަކަށް ސަރުކާރުން ދައުވަތު ދީފައި ވަނީ ޕީޕީއެމާއި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އަދި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އަށެވެ.

އިދިކޮޅު އެމްޑީޕީ އަދި އަދާލަތުން ވަނީ މަޝްވަރާތަކުގައި ބައިވެރިވާން އެ ދެ ޕާޓީ އިން ތައްޔާރަށް ތިބި ކަމަށް ސަރުކާރުން ބުނި ވާހަކަ ދޮގުކޮށްފަ އެވެ. އެމްޑީޕީ އަދި އަދާލަތުން ބުނެފައި ވަނީ މިވަގުތު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ލީޑަރުން މިނިވަންކޮށް މަޝްވަރާއަށް އިހުލާސްތެރި މާހައުލެއް ގާއިމު ނުކުރެވެނީސް މަޝްވަރާތަކުގައި ބައިވެރިނުވާނެ ކަމަށެވެ.

ނަމަވެސް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވަޝްވަރާތަކަށް އެމްޑީޕީ އިން ތައްޔާރަށް އޮތް ކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

ސިޔާސީ ޕާޓީތަކާ އެކު އަލުން މަޝްވަރާ ކުރަން ސަރުކާރުން ނިންމާފައިވާ އިރު، އެ މަޝްވަރާތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ކޮމަންވެލްތުގެ އިތުރުން އީޔޫ އަށް ވެސް ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އަދި ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު އެވެ.

އެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިޔަށްގެންގޮސް، ރައްޔިތުންނަށް ފައިދާކުރަނިވި ފަދަ ނަތީޖާތަކެއް ހާސިލުކުރެއްވޭނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އުންމީދުކުރައްވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.