25 Feb 2016, 10:41
ކައުސާހިބާصلّى اللّـه عليه وسلّمހިޖްރައިން ހަވަނަ އަހަރުގެ ޛުލްޤަޢިދާމަހު ޢުމްރާވެވަޑައިގަތުމުގެ ބޭނުންފުޅުގައި މައްކާއަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެދަތުރުފުޅުގައި، ޞަޙާބީންގެ ފަނަރަސަތޭކަ ބޭކަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمގެ ދަތުރުފުޅުގައިأمّهات المؤمنينގެ ތެރެއިންވެސް އެއްބޭކަނބަލަކު ބައިވެރިކުރެއްވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއާއި އެކަލޭގެފާނުގެ ޞަޙާބީން ތިއްބެވީ ޢުމްރާއަށް އިޙްރާމް ބަންނަވައިގެންނެވެ. މައްކާގައި ކަތިލެއްވުމަށްޓަކައި ހަދްޔުވެސް ގެންދެވިއެވެ. ނަމަވެސް ޤުރައިޝުންނަށް އެޚަބަރު ލިބުމުން އެބައިމީހުން ކަނޑައެޅީ މުސްލިމުން މައްކާއަށް އެރިޔަނުދިނުމަށެވެ. ޤުރައިޝުން ތައްޔާރުވެގެން ނިކުމެ ޛިއްޠަވާގައި މަރުކަޒު ހެދިއެވެ. އެއަށްފަހުخالد بن الوليدއާ ދުއިސައްތަ އަސްވާރުން ޙަވާލުކޮށް މުސްލިމުން ކުރިޔަށް އަޔަނުދިނުމަށްޓަކައި ފޮނުވިއެވެ.خالدއަސްވާރުންނާއިގެން ވަޑައިގެން މަޑުކުރެއްވީ މަދީނާއިން މައްކާއަށް ޢާއްމުކޮށް ދަތުރުކުރާ މަގުމަތީގައި ކުރާޢުއްނަޢުމީމުގައެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއަށް އެކަން އެނގިވަޑައިގަތުމުން ޢާއްމު ދަތުރުފަތުރުކުރާ މަގު ދޫކޮށްލައްވައި ފަރުބަދަތެރޭގެ މަގަކުން ދަތުރުކުރައްވައި ޘަނިއްޔަތުލްމިރާރަށް ވަޑައިގެންނެވިތަނާ އެކަލޭގެފާނުގެ ޖަމަލުކޮޅު ޤުޞްވާ އެތާނގައި ބަނޑުޖަހައިފިއެވެ. ޞަޙާބީން އެ ޖަމަލު ނަންގަވަން އުޅުއްވުމުންވެސް ޖަމަލު ކުރިޔަކަށް ނުދިޔައެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمޙަދީޘު ކުރެއްވިއެވެ. "މިއީ މިޖަމަލުގެ އާދައެއް ނޫނެވެ. ޝައްކެއްނެތްގޮތުގައި ފީލުބާގައިގެ މީހުންގެ އެތްތައް ހިފެހެއްޓެވި ރަސްކަލާނގެ މި ޖަމަލު ހިފެހެއްޓެވީއެވެ. އެފަރާތްޕުޅެއްގެ ބާރުފުޅުގެ ދަށުގައި އަހުރެންގެ ފުރާނަވާ މަތިވެރި ޒާތުފުޅުގަންދީ ބުނަމެވެ. އެކަމެއްގައި މާތްاللّـهގެ ޙުރުމަތެއް ކަނޑައިނުލެވޭ ކޮންމެކަމަކަށް ޤުރައިޝުން އެދުނުކަމުގައިވިޔަސް އެކަމެއް އެބައިމީހުނަށް ދެއްވާނަމެވެ." ކައުސާހިބާصلّى اللّـه عليه وسلّمކުޑަކޮށް މޮށްޓަވައިލެއްވުމުން ޤުޞްވާ ތެދުވެގެން ކުރިޔަށްދާން ފަށައިފިއެވެ. އިތުރުސާހިބާ އަނެއްކާވެސް ދަތުރުކުރެއްވި މަގު ބަދަލުކުރައްވައި ކުރިޔަށް ވަޑައިގެން، ޙުދައިބިއްޔާގައި ހުރި ފެންވަޅެއްގެ ކައިރިއަށް ފައިބައިވަޑައިގެންނެވިއެވެ.
އެހައިތަނުން މުސްލިމުންނާއި ޤުރައިޝުންނާ ދެމެދު ވާހަކަ ދެކެވެން ފަށައިފިއެވެ. މުސްލިމުން އެއަހަރު މައްކާއަށް އެރިޔަދޭކަށެއް ޤުރައިޝުން އެއްގޮތަކަށްވެސް ޤަބޫލެއް ނޫނެވެ. އަނެއްކޮޅުން ޢުމްރާވެވަޑައިގަތުމަށްޓަކައި ބާރުގެ ބޭނުންކުރައްވައިގެން މައްކާއަށް އަރައިވަޑައިގަތުމުގެ ވިސްނުންފުޅެއް، ކައުސާހިބާصلّى اللّـه عليه وسلّمނުގެންގުޅުއްވައެވެ. އެހެންކަމުން، ޤުރައިޝުން ހުށަހެޅި ހުރިހާ ޝަރުޠުތައް ޤަބޫލުކުރައްވައި، އިތުރު ސާހިބާ އެއުރެންނާއެކު ޞުލްޙަނާމާއެއްގައި ސޮއިކުރެއްވިއެވެ. ބޭރުފުށުން ބަލާއިރު އެ ޞުލްޙަނާމާގެ ހުރިހާ ޝަރުޠުތަކެއް ހުރީ މުޝްރިކުންނަށް ފަހިވާގޮތަށެވެ. އެހެންކަމުން، އެ ޞުލްޙަނާމާގައި ފޮރުވިފައިވާ އަފޫރުއްބަ ސިޔާސީ ފައިދާތަކާއި މަތިވެރި ޙިކުމަތްތަކެއް މުސްލިމުންނަކަށް ވިސްނައެއް ނުގަނެވުނެވެ. އެބޭކަލުން ދެކެވަޑައިގެންނެވި ގޮތުގައި، ކައުސާހިބާصلّى اللّـه عليه وسلّمބާރުލިބިވަޑައިގެން ހުންނަވައި، ނިކަމެތި ހުށަހެޅުމެއް ޤަބޫލުކުރެއްވީއެވެ. އެހެންކަމުން، ޞަޙާބީން ތިއްބެވީ އެކަމާ ނުހަނު ފިކުރުފުޅު ބޮޑުވެފައެވެ. ދެރަފުޅުވެފައެވެ. އެ ޞުލްޙަނާމާޔާމެދު ނިހާޔަތަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންފައެވެ.
ޞަޙާބީން އެގޮތުގައި ތިއްބަވަނިކޮށް އިތުރު ސާހިބާصلّى اللّـه عليه وسلّمއެބޭކަލުންނަށް ހަދުޔު ކަތިލައްވައި ތަޙައްލުލުވެވަޑައިގަތުމަށް އެންގެވިއެވެ. އިތުރު ސާހިބާ ތިންފަހަރަށް އެގޮތަށް އެންގެވުމުންވެސް ޞަޙާބީން އެކަމަކަށް އިޖާބައެއް ނުދެއްވިއެވެ. އިތުރު ސާހިބާ އެހައިތަނުން ވަޑައިގަތީأمّ المؤمنينގެ ފޭލިގެކޮޅަށެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަނާގެ އަރިހުގައި ޙަދީޘު ކުރެއްވިއެވެ. މުސްލިމުން ހަލާކުވެދާން ކައިރިވަނީއެވެ. އަހުރެން އެބައިމީހުންނަށް ކަމަކަށް ތިންފަހަރަށް އަމުރުކުރުމުންވެސް އެއުރެން އެކަމަކަށް އިޖާބައެއް ނުދިނެވެ.
أمّ المؤمنينވިދާޅުވިއެވެ. އޭ މާތްاللّـهގެ ރަސޫލާއެވެ! ތިޔަކަމުގައި އެބައިމީހުންގެ ޢުޒުރު އެބައޮތެވެ. ކަލޭގެފާނު ތިޔަ އުފުއްލެވި ކަމަކީ އެހެންމީހުންނަށް އުފުލަން ފަސޭހަކަމެއް ނޫނެވެ. ތިޔަކަމުގެ މަޞްލަޙަތު ކަލޭގެފާނަށް އެނގިވަޑައިގެންނެވިކަމުގައިވިޔަސް އެމީހުން އެތިބީ ތިޔަކަމަކީ މުސްލިމުންނަށް ލިބުނު ދެރައެއްކަމުގައި ހީކޮށް އެކަމުގެ މޮޅީގައެވެ. އެހެންކަމުން ކަލޭގެފާނު އެމީހުންގެ ތެރެއަށް ނިކުމެވަޑައިގެން އެއިންމީހަކާ ދިމާޔަށް ބަސްފުޅެއް ވިދާޅުނުވެ، ކަލޭގެފާނު ތިޔަ އަމުރުކުރައްވާ ކަންތައް ކުރައްވައި އެބައިމީހުންނަށް ނަމޫނާ ދައްކަވާށެވެ. އެމީހުން ކަލޭގެފާނަށް ތަބާވާނެއެވެ.
ކައުސާހިބާصلّى اللّـه عليه وسلّم، أمّ المؤمنينއެރުއްވި މަޝްވަރާ ޤަބޫލުކުރެއްވިއެވެ. ޞަޙާބީންގެ ތެރެއަށް ނިކުމެވަޑައިގެން ހަދުޔު ކަތިލައްވައި އިސްތަށިފުޅު ތުރުކުރާ މީހާ ގެންނަވައި އެކަމަށް ފައްޓަވާއިރަށް ޞަޙާބީން އަވަސްއަވަހަށް އެކަން ފައްޓަވައިފިއެވެ. ހަދްޔު ކަތިލައްވައި، އިސްތަށިފުޅު ތުރުކުރައްވައިފިއެވެ.
އާދެ، މި ޙާދިޘާއިން އެނގެނީ،أمّ المؤمنينގެ ބުއްދިފުޅު ތަނަވަސްކަމެވެ. މީހުންގެ ނަފްސިއްޔާތު ދެނެވަޑައިގަންނަވާލެއް ބޮޑުކަމެވެ.إمام الحرمين رحمه اللّـهވިދާޅުވާގޮތުގައި އެފަދަ ނާޒުކު ވަގުތެއްގައި އެފަދަ ބުއްދިވެރި މަޝްވަރާއެއް ދިނުމަށް ލަޠީފީ ޖިންސުގެ މުޅި ތާރީޚު ވަނީ ނުކުޅެދިފައެވެ. (ޒަރްޤާނީ ޖިލްދު 3، ޞަފްޙާ 272) ބަޔާންވެދިޔަ އުންމަތަށް ފައިދާހުރި މަޝްވަރާ ދެއްވި ބުއްދިފުޅު ތަނަވަސް ޝަޚްޞިއްޔަތަކީأمّ المؤمنين السّيّدة أمّ سلمة رضى اللّـه عنهاއެވެ.
+ + + + +
ނަސަބުފުޅު
أمّ المؤمنين السّيّدة أمّ سلمةގެ ނަންފުޅަކީهندއެވެ. އެކަމަނާގެ ޤަބީލާއަކީ ޤުރައިޝުވަންހައިގެ ޤަދަރުހުރި ދަރިކޮޅެއްކަމުގައިވާ މަޚްޒޫމުވަންހައެވެ. އެކަމަނާގެ ބައްޕައަކީسهل(ނުވަތަحذيفة)أبو أميّة بن مغيرة بن عبد اللّـه بن عمرو بن مخزومއެވެ. އެކަމަނާގެ މަންމައަކީعاتكة بنت عامربن ربيعة بن مالك بن خزيمةއެވެ. ޤުރައިޝުންގެ ޤަދަރުހުރި ޤަބީލާއެއްކަމުގައިވާ ބަނޫފަރާސުގެ ބޭކަނބަލެކެވެ. ނުހަނު ދީލަތި އޯގާވެރި ބޭކަނބަލެކެވެ. ފަޤީރުންނާއި މިސްކީނުންނަށް ވަރަށްބޮޑަށް އަޅާލައްވާ ބޭކަނބަލެކެވެ.
هندގެ ބައްޕަسهل(ނުވަތަحذيفة) އަކީ ޤުރައިޝުންގެ ވަރަށްބޮޑު ވިޔަފާރިވެރިޔެކެވެ. ވަރަށް މުއްސަނދި މަހްޖަނެކެވެ. މައްކާގެ ބޮޑުންކުރެ ވަރަށް ދީލަތި މާތް މީހެކެވެ. އޭނާގެ ދީލަތިކަމުގެ ވާހަކަ ޢަރަބިކަރައިގެ ހަތަރުބިތަށްވަނީ ފެތުރިފައެވެ. ވަރަށްގިނަ ފަޤީރުންނާއި ޔަތީމުންނާއި ނިކަމެތީން ވަނީ އޭނާގެ ސުފުރާގެ މަތީން ޒުވާންވެފައެވެ. ވިޔަފާރި ދަތުރެއްކުރެއްވިޔަސް އެނޫން އެހެން ދަތުރެއް ކުރެއްވިޔަސް ޤާފިލާގެ އެންމެންނަށް ކާންދެއްވަނީ އޭނާއެވެ. އެހެންކަމުން އޭނާ މަޝްހޫރުވެފައިވަނީزاد الرّكبގެ ނަމުންނެވެ. ޤުރައިޝުން އޭނާގެ ނަން ފާހަގަކުރަނީ އިންތިހާދަރަޖައިގެ ކަމޭހިތުމާއި އިޙްތިރާމާ އެކުގައެވެ.
ބައްޕައާއި މަންމަގެ ތަނަވަސްކަމާއި މުއްސަނދިފުޅުކަމުގެ ސަބަބުންالسّيّدة هندދުނިޔެއަށް ވަޑައިގަތީ ބަހުގައި ބުނެވޭފަދައިން ރަން ސަމުސަލެއް އަނގަފުޅަށް ލައްވައިގެންނެވެ. އެކަމަނާ ބޮޑުފުޅުވީ އިންތިހާދަރަޖައިގެ ލޯތްބާއި، އަރާމާއި، އުފަލާއި، ނިޢުމަތުގައެވެ.
السّيّدة هندފިރިފުރާވަރަށް އަރައިވަޑައިގަތުމުން އެކަމަނާގެ ޢާއިލާއިން އެކަމަނާގެ ކާވެނިފުޅުކުރުވީ މަޚްޒޫމުވަންހައިން އެކަމަނާއާ ދެބޭންގެދެދަރި، ރީތި، މުއްސަނދި، ހިތްވަރުފުޅުގަދަ ޒުވާން ބޭކަލެއްކަމުގައިވާعبد اللّـه بن عبد الأسد المخزومىއާއެވެ. އެކަލޭގެފާނުގެ މައިކަނބަލަކީ ކައުސާހިބާصلّى اللّـه عليه وسلّمގެ ބޮޑުދައިތާފުޅުبرّة بنت عبد المطّلبއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއާއިعبد اللّـهއާއިحمزة بن عبد المطّلبއާ ތިންބޭކަލުންނަކީ ކިރުފޮދުގެ ގޮތުންވެސް އަޚުންނެވެ.
عبداللّـهއާއިهندގެކާވެނިފުޅު ކުރެވުނީ ޢަރަބިކަރައިގައި މަދުންނޫނީ ނުފެންނަފަދަ ދާމުދޫމުގައެވެ.أبو أميّةއާއި އޭނާގެ އަނބިކަނބަލުންعاتكةއެ ދެކަނބަލުންގެ ދަރިކަނބަލުންهندގެ ކާވެނިފުޅުގައި ތިޖޫރީތައް ތަންމިނަށް ހުޅުވައިލެއްވިއެވެ. އެދެމަފިރިން ދައްކައިލެއްވި ދީލަތިފުޅުކަމާއި، ކޮށްދެއްވި ސުމާރެއްނެތްހައި ބޮޑު ޚަރަދުތަކުން މައްކާގެ މީހުން ޙައިރާންވެ އަންތަރީސްވިއެވެ. އެކާވެނިފުޅުގެ ވަލީމާއަށް ދަޢުވަތު ދެވުނީ ހަމައެކަނި މައްކާގެ ބޮޑުންނާއި އަޝްރާފުންނަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. ފަޤީރުންނާއި ނިކަމެތީންނާއި މިސްކީނުންނަށްވެސް އެ ޖާފަތުގައި ބައިވެރިވުމުގެ ނަސީބު ލިބުނެވެ. އޭގެއިތުރަށް ނުހަނު ދީލަތި މާލީ އެހީތައްވެސް އެބައިމީހުންނަށް ބަހައިލެވުނެވެ.السّيّدة هندއެކަމަނާގެ މައިފުނަގެއިން އެބޭބެ އެދައިތަގެ ގެއަށް ވަޑައިގަތީ މިދެންނެވި ޗާރާކަމުގެ ތެރޭގައެވެ.
عبد اللّـه بن عبد الأسدއާއިهند بنت أبى أميّةދިރިއުޅުއްވަން ފެއްޓެވީ މިނިވަންކަމާއެކު ވަކިގެކޮޅެއްގައެވެ. ތަނަވަސްކަމާއި ތިޔާގިކަމާއި ހިތްފަސޭހަކަމުގައެވެ. ދެމަފިރިކަނބަލުންނަކީ މުޅި މައްކާއަށް ނަޒަރު ހިންގާއިރުވެސް ބުރުސޫރަފުޅު ރީތި ދެމަފިރިކަނބަލުންނެވެ. ހަމައެފަދައިން އެދެމަފިރިކަނބަލުންގެ ޚުލްޤުފުޅާއި އުޅުއްވުންވެސް އެހައިމެ ފުރިހަމައެވެ. ގެކޮޅުގައި ތަދުމަދު އެއްވެސް އެއްޗެއްނެތެވެ. ހައިވާ އެއްވެސްކަމެއް ނެތެވެ. އެހެންކަމުން ފާއިތުވަމުންދިޔަ ކޮންމެ ދުވާލަކާއި ރޭގަނޑަކީ އެދެމަފިރިކަނބަލުންނަށް ޢީދުވިލޭރެޔަކާއި ޢީދު ދުވަހެކެވެ.
(ނުނިމޭ)