25 Feb 2016, 13:42
ސޫރިޔާގެ ހަނގުރާމައިގެ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އެމެރިކާއާއި ރަޝިޔާއިން މިހާރު އިޢްލާންކޮށްފައިވާއިރު މިއެއްބަސްވުން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ސޫރިޔާގެ ހަނގުރާމައިގެ ފަހަތުގައިވާ ބޮޑެތި ބާރުތަކާއި ސަރަހައްދީ ބާރުތަކުގެ ލީޑަރުން މެދުގައި ފޯނުން މުހިއްމު މުޢާމަލާތްތަކެއް މިހާރު ދަނި ކުރެވެމުންނެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ މިކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފައެވެ. ކެރީ ވިދާޅުވީ، އެމެރިކާއާއި ރަޝިޔާ އިސްވެއޮވެގެން އެކުލަވާލި މިއެއްބަސްވުން ކާމިޔާބުވާން ޖެހޭކަމަށާއި މިކަން ނާ ކާމިޔާބުވެއްޖެނަމަ ސޫރިޔާ ރޫޅި ބައިބައިވެގެން ދިޔުމުގެ އިތުރުން އެގައުމުގެ ހަނގުރާމަ ދިގުލައި މުޅި ސޫރިޔާ ހަލާކުވެ ސުންނާފަތިވެގެން ދާނެކަމަށް ބެލެވޭ ކަމުގައެވެ.
އެމެރިކާގެ ސެނެޓުގެ ސަބްކޮމިޓީއަށް މައުލޫމާތު ދެއްވަމުން ކެރީ ވިދާޅުވީ، ސޫރިޔާގެ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރާގޮތް ބަލައި މޮނިޓަރ ކުރުމަށްޓަކައި އެމެރިކާއާއި ރަޝިޔާގެ ތަޖްރިބާކާރުންގެ ކޮމިޓީއެއް އެކުލަވައިލާނެކަމަށާއި މިކަމަށްޓަކައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވްއާ ވާހަކަ ދައްކަވައި އެއްބަސްވުމަކަށް އާދެވިފައިވާކަމުގައެވެ.
ސޫރިޔާގެ ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުންވަނީ ގަބޫލުކޮށްފައެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުން ބުނަނީ މިއެއްބަސްވުން ގަބޫލުކުރާނީ ދެހަފްތާގެ މުއްދަތަށް ކަމުގައެވެ. ދެހަފްތާއަށްފަހު ކަންތައްތައް ދާގޮތަށް ބަލާފައި ހަމަލާތައް އަލުން ފަށަންޖެހިއްޖެނަމަ ފަށާނެކަމަށް އިދިކޮޅު ޖަމާއަތްތަކުގެ ފަރާތުން ވާހަކަ ދެއްކެވި ރިޔާޒް ޙިޖާބް ވިދާޅުވިއެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަކީ ވަރަށް ބޮޑަށް ބައިބައިވެފައިވާ ޖަމާއަތްތަކެކެވެ. ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާއިރުވެސް ފިކުރުގެ ގޮތުންނާއި މަސްލަހަތުގެ ގޮތުން ބައިބައިވެ އިދިކޮޅު ޖަމާއަތްތަކުގެ އެއްބަޔަކު އަނެއް ބަޔަކު ދަނީ ތަޅާފޮޅަމުންނެވެ. ބައްޝާރުގެ ސަރުކާރު ވައްޓައި ނުލެވުމުގެ މައިގަނޑު ސަބަބަކީވެސް މިއީއެވެ. އެހެންކަމުން ހަމަލާތައް ހުއްޓާލުމުގައިވެސް މިޖަމާއަތްތަކަށް އެއްގަލަކަށް އެރިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ބައްޝާރުގެ ވެރިކަން ވެއްޓިއްޖެނަމަވެސް އިދިކޮޅު ޖަމާއަތްތަކަށް ސޫރިޔާގެ ވެރިކަން ނުކުރެވޭނެ ކަމާއި މިފަދަ ޙާލަތެއްގައި އިދިކޮޅު ޖަމާއަތްތަކުގެ ތަޅާފޮޅުންތައް އިތުރަށްދާނީ ބޮޑުވެގެންކަމަށް ތަޖްރިބާކާރުން ދެކެއެވެ.
ލީބިޔާފަދަ ގައުމުތަކުގައިވެސް ވެރިކަމުގެ ނިޒާމު ވައްޓާލެވެންދެން އިދިކޮޅު ފަރާތްތައް އެއްގަލަކަށް އެރިއެވެ. އިދިކޮޅު ފަރާތްތައް ބައިބައިވެ ވެރިކަމާ ތަޅާފޮޅަން ފެށީ ގައްޒާފީގެ ވެރިކަން ވެއްޓުމަށްފަހުގައެވެ. ނަމަވެސް ސޫރިޔާގައި ބައްޝާރުގެ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާއިރުވެސް އިދިކޮޅު ޖަމާއަތްތައްވަނީ ބައިބައިވެފައެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައަކީ ގައުމުތަކެއް އެކަމުގެ އަޑީގައި ތިބެގެން އެގައުމުތަކުގެ މަސްލަހަތުތައް ނިޔާކުރާގޮތެއްގެ މަތިން ކުރުވާ ހަނގުރާމައެކެވެ. މިކަން މިގޮތަށް ކުރެވެނީ ސޫރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ އަރާރުންތަކުގެ ތެރެއިން ބޭރުގެ ފަރާތްތަކުގެ އެހީއަށް އެމީހުން އެދެމުން ދިޔުމުގެ ސަބަބުންނެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ސަރުކާރަށް ވާގިވެރިވަނީ ރަޝިޔާއާއި އީރާނުންނާއި ލުބްބާނުގެ ހިޒްބުﷲ ޖަމާއަތުންނެވެ. އިދިކޮޅު ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރާއި ވަސީލަތްތައްދޭ ފަރާތްތަކަކީ ސައޫދީ އަރަބިޔާއާއި ގަތަރާއި ތުރުކީގެ އިތުރުން އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތަކެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ބައިބައިވުން ބޮޑުވެފައި އެޖަމާއަތްތަކުގެ އަތްދަށަށް ސޫރިޔާ ގޮސްފިނަމަ ސޫރިޔާގެ ދައުލަތްވެސް ނޯންނާނެކަމަށް ބެލެވިގެން އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބާރުތައްވަނީ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ލީޑަރުންނާ ކުރިޔަށްވުރެ ބޮޑަށް ދުރުވެފައެވެ.
ސައޫދީ އަރަބިޔާއާއި ގަތަރުން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވަނީ އީރާނާ ގަލްފުގެ ގައުމުތަކާ ދެމެދު އޮންނަ އަރާރުންތަކެއްގެ ތެރެއިން ސޫރިޔާއިން އީރާނުގެ ބާރު ކަނޑުވާލުމުގެ ސިޔާސީ ބޭނުމުގައެވެ. ތުރުކީން ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށް ވާގިވެރިވަނީ ސޫރިޔާގެ ކުރުދީންގެ ބާރުކަނޑުވާލުންފަދަ އަމިއްލަ ބޭނުންތަކެއް ޙާސިލް ކުރުމަށެވެ. އީރާނުން ބައްޝާރުގެ ސަރުކާރަށް ވާގިވެރިވަނީ އީރާނުގެ ނުފޫޒު ލުބްނާނާއި ސޫރިޔާގައި ބޭއްވުމުގެ ސިޔާސީ ބޭނުމުގައެވެ.
ރަޝިޔާއިން ސޫރިޔާއަށް ވަދެގަނެ ބައްޝާރުގެ ސަރުކާރު ހިމާޔަތް ކޮށް ސޫރިޔާގެ އާންމުން މަރަމުން ގެންދިޔަނަމަވެސް ސައޫދީ އަރަބިޔާއާއި ގަތަރުން ގެންދަނީ ރަޝިޔާއާއެކު ގާތްގުޅުންތަކެއް ބާއްވަމުންނެވެ. ނަމަވެސް އީރާނާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުން ސޫރިޔާއަށް ވަނުމުން ގަތަރާއި ސައޫދީ އަރަބިޔާ އިންވަނީ އީރާން ދެކެ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. މީގެއިތުރުން ފަލަސްތީނުގެ މުޖާހިދުންނަށް ނުދޭ އެހީ އެދެގައުމުން ގެންދަނީ ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ދެމުންނެވެ.
ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ އިތުރުން އެގައުމުގައި ދެން ހަނގުރާމަ ކުރަނީ ހައްދު ފަހަނަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކެވެ. މީގެތެރޭގައި ހިމެނެނީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ނަމަކަށްކިޔާ އަލްގާއިދާއަށް ނިސްބަތްވާ ޖަމާއަތެކެވެ. މިދެ ޖަމާއަތަށް ވެސް ސިއްރިޔާތުގައި ވާގިވެރިވާކަމުގެ ތުހުމަތު ބައެއް ގައުމުތަކަށް ކުރެވިފައިވެއެވެ.
ސޫރިޔާގެ ހަނގުރާމައިގާ އެގައުމުގެ ތިންލައްކައަށްވުރެ ގިނަމީހުން މަރުވެ 12 މީލިޔަން މީހުން ރެފިއުޖީންނަށްވެ ގައުމު މުޅިންކަހަަލަ ގޮތަކަށްވަނީ ސުންނާފަތިވެފައެވެ. (ނޫސްއެޖެންސީތައް)