ދިވެހި ސަރުކާރުން ކުރީގެ ރައީސް މުހައްދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމުގެ ހުއްދަ ދިނީ އެމަނިކުފާނު އަނބުރި ރާއްޖެ ވަޑައިނުގަންނަވާނެ ކަމުގެ އުންމީދުގައި ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ވައިސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ފަރުވާއަށް ސަރުކާރުން ދިން މުއްދަތު އިތުރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނަޝީދުގެ ފަރުވާއަށް ސަރުކާރުން ދިން 30 ދުވަހުގެ މުއްދަތު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ނަޝީދު ވަނީ ފަރުވާގެ މުއްދަތު އިތުރު 60 ދުވަހަށް އިތުރުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ހީވަނީ ސަރުކާރުން އަޅުގަނޑު ޔޫކޭ އަށް އައުމަށް ހުއްދަ ދިނީ އަޅުގަނޑު ދެން އެނބުރި ރާއްޖެ އަށް ނުދާނެ ކަމުގެ އުންމީދުގައި ކަމަށް،" ނަޝީދު ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.

ނަޝީދާ ހަވާލާދީ ވައިސް ނިއުސްގައި ބުނެފައި ވަނީ ސަރުކާރުން ބޭނުންވިޔަސް ނުވިޔަސް، "ކޮންމެސް ދުވަހަކުން" އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ވަނީ އެމަނިކުފާނުގެ މައްޗަށް ސާބިތުވި ޓެރަރިޒަމްގެ ދައުވާގެ ހުކުމް ތަންފީޒުކޮށް ނިމުމަށް ފަހު އެމަނިކުފާނުގެ މައްޗަށް އިތުރު ދައުވާއެއް ސަރުކާރުން އުފުލައިފާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ތޭރަ އަހަރު ފަހުން އަޅުގަނޑަށް އަނެއްކާ ވެސް އިތުރު ހުކުމެއް އަތުވެދާނެ. ސަރުކާރުގެ ރޭވުންތެރިކަން ވަރަށް މޮޅު. ކޮންމެ ފަދަ ދައުވާއެއް ވެސް އަޅުގަނޑުގެ މައްޗަށް ކޮށްފާނެ. ކުރެވެން އޮތް އެންމެ ބޮޑު ދައުވާއެއް ކުރާނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް ފަރުވާއަށް ދިން މުއްފަތު މިހާރު ހަމަވެފައިވާ އިރު، މުއްދަތު އިތުރުކޮށް ދިނުމާމެދު ގޮތެއް ނިންމާނީ، އެކަމާ ގުޅޭ ހުރިހާ ލިޔުންތައް ހުށަހެޅުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ވަނީ ނިންމައިފަ އެވެ.

ނަޝީދުގެ ފަރާތުން ކަރެކްޝަންސް އަށް ބައެއް ލިޔުންތައް ހުށަހަޅާފައިވީ ނަމަވެސް ބޭސްފަރުވާގެ ކަންތައް ނިމޭނެ މުއްދަތު އަންގައިދޭ ލިޔުމާއި ބޭސްފަރުވާގެ ކަންތައް ނިމޭނެ ކަމަށް ޑޮކްޓަރު ބުނާ ބުނުމުގެ ލިޔުމާއި ބޭސްފަރުވާ ކުރިގޮތުގެ ތަފްސީލު ހުށަހަޅާފައި ނުވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

ބޭސްފަރުވާ އަށް ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގަތީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. ބޭސްފަރުވާ އަށް އެމަނިކުފާނަށް ވަޑައިގަތީ 30 ދުވަހުގެ މުއްދަށެވެ. ނަމަވެސް ނަޝީދު އެދިވަޑައިގެންފި ނަމަ އެ މުއްދަތު 45 ދުވަހާ ހަމައަށް އިތުރުކޮށްދޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.