އަންނަ މަހު ދެ ވަނަ ދުވަހު ބާއްވަން އިއުލާން ކުރި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ މަހު ހަ ވަނަ ދުވަހަށް ފަސްކުރުމަށް އެފްއޭއެމް އިން ނިންމައިފި އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް މިއަދު ސަން އަށް ވިދާޅުވީ އެ ގޮތަށް ނިންމީ ކޮންގްރެސްގައި ރިޔާސަތު ބަލައްހައްޓަވާ އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން މުޙައްމަދު ޝަވީދު ބޭސްފަރުވައަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ޖެހޭތީ ކަމަށާއި ޝަވީދު ވަޑައިގެންނެވުމުން ކޮންގްރެސް ކުރިއަށް ގެންދެވުމަށް ކަމަށެވެ.

ފީފާގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގެންނެވުމަށް ޝަވީދު މިވަގުތު ހުންނެވީ ސްވިޒަލޭންޑްގެ ޒިޔުރިކްގަ އެވެ.

ބައްސާމް ވިދާޅުވީ "ޝަވީދު މެޑިކަލްއަލްއަކަށް ރާއްޖެ އިން ބޭރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޝަވީދުއަށް ވަޑައިގެންނެވޭނީ މާޗް މަހު ތިނެއްގައި" ކަމަށެވެ.

އެހެންވެ އެ ދެމެދަށް ދެ ދުވަސް ދިނުމަށް ފަހު އެފްއޭއެމް އިން ނިންމީ މާޗް މަހު ހަ އެއްގައި ކޮންގރެސް ބޭއްވުމަށް ކަމަށް ބައްސާމް ވިދާޅުވި އެވެ.

އަދި އެކަން ކުލަބުތަކަށް ކުރިން އަންގާފައިވާނެ ކަމަށް ވެސް ބާއްސާމް ވިދާޅުވި އެވެ.

މާޗް މަހު ހައެއްގައި ބާއްވާ ކޮންގްރެސްގައި އޮންނާނީ އެފްއޭއެމްގެ އާ އަސާސީ ގަވާއިދުގައި ހިމެނުމަށް ހޯމް މިނިސްޓްރީއިން ލާފާ ދީފައިވާ މާއްދާތައް ހިމަނައި ފާސް ކުރުމެވެ.

އެ ކޮންގްރެސްގައި އެފްއޭއެމްގެ އާ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ދެ ވަނަ ޑިވިޝަން އާއި ތިން ވަނަ ޑިވިޝަންގެ ކްލަބުތަކުން ވޯޓު ދޭނެ ބަޔަކު ކަނޑައެޅުމަށް ޓަކައި ބާއްވާ ޕްރައިމަރީ ބޭއްވުމަށް އެފްއޭއެމްއިން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކޮންގްރެސްއަށް ފަހު އިންތިޚާބު ބާއްވަން އިއުލާން ކުރާނެ ކަމަށެވެ.