24 Apr 2011, 16:30
މުޖްތަމައުގައި ކުރާ ތަފާތު ކުށްތަކަށް އަރައިގަންނަމުންދާ އުމުރުން 18 އަހަރުން ދަށުގެ ކުދިން އަނބުރާ މުޖްތަމައުއަށް ގެނައުމުގެ ޕްރޮގްރާމަށް ކަމާބެހޭ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން ހއ. ހދ. އަދި ށ. އަތޮޅަށް ހާއްސަ ކޮށްގެން ބާއްވާ ޓްރެއިނިން ޕްރޮގްރާމެއް ކުޅުދުއްފުށީގައި މިއަދު ފަށައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ޖުވެނިއަލް ޖަސްޓިސް ޔުނިޓާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ހއ. ހދ. އަދި ށ. އަތޮޅުގެ ސަރަހައްދީ ގައުމީ އިދާރާއަށް ނިސްބަތްވާ އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންނާއި ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި، އެ ސަރަހައްދުގެ ރަށްރަށުގައި އުފައްދާފައިވާ ކްރައިމް ޕްރިވެންޝަން ކޮމެޓީ ތަކާއި، ފެމިލީ އެންޑް ޗައިލްޑް ސާވިސް ސެންޓަރު ތައް ކަމަށެވެ.
އެ ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންދާނީ ކުށުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ލިބޭ ގެއްލުން ފޫބެއްދުމަށް ބާރު އަޅާ ތިޔަރީ ނުވަތަ ފަލްސަފާ އާ އެއްގޮތަށް ކަމަށެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޓްރެއިނިން ޕްރޮގްރާމްގައި ހއ. ހދ. އަދި ށ. އަތޮޅަށް ނިސްބަތްވާ 29 ފަރާތް ބައިވެރިވާނެ އެވެ.
ކުޅުދުއްފުށީގައި މިއަދު ހެނދުނު ފެށި އެ ޓްރެއިނިން ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވަމުން ހޯމް މިނިސްޓަރ ހަސަން އަފީފްގެ ވާހަކައިގައި ކުށްކުރުމުގައި ޝާމިލްވާ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ސުލޫކު އިސްލާހު ކުރުމަށްފަހު އެކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.