ބޮލީވުޑްގެ މަޝްހޫރު ތަރި ސަންޖޭ ދަތު މިއަދު ޖަލުން މިނިވަންކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުން އޭނާ މިނިވަން ކުރީ، މިއަދު ހެނދުނު 08:40 ގަ އެވެ. އޭނާ މިނިވަން ކުރި އިރު ހުރީ ނޫ ކުލައިގެ ގަމީހެއްގައި ކަމަށާއި، އޭނާގެ އަތުގައި ފައިލެއް އަދި ކޮނޑުގައި ދަބަހެއް އަޅުވާފައި އޮތް ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަމައެއާ އެކު، ޖަލުން ނުކުތުމަށް ފަހު ދަބަސް ބިންމަތީގައި ބާއްވައި ބިންމަތީގައި އަތް ޖެއްސުމަށް ފަހު ޖަލުގެ ގާޑުންނަށް ސަންޖޭ ސެލިއުޓު ކުރި ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ސަންޖޭ މިނިވަން ކުރި ވަގުތު، އޭނާގެ އަންހެނުން މާންޔަތާ ޖަލު ބޭރުގައި އޭނާގެ އިންތިޒާރުގައި މަޑުކޮށްގެން ހުރި ކަމަށް ހަބަރުތައް ބުނެ އެވެ.

ޖަލުން މިނިވަން ވުމަށް ފަހު ސަންޖޭ މިހާރު ވަނީ ޗާޓަރު ފުލައިޓެއްގައި މުމްބާއީ އަށް ދިއުމަށް އެއަޕޯޓަށް ގޮސްފަ އެވެ.