25 Feb 2016, 09:08
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ޔުކްރޭންގެ ޑައިނަމޯ ކިއެވްގެ މައްޗަށް 1-3ގެ ނަތީޖާ އަކުން ކުރި ހޯދައި މުބާރާތުގެ ކުއާޓާފައިނަލާ ގާތަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.
ޑައިނަމޯގެ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފްގައި ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން ވަނީ މެޗުގެ 15 ވަނަ މިނެޓްގައި ލީޑުނަގާފައެވެ. އެ ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ ޔާޔާ ޓޫރޭ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ފޯވާޑް ސާޖިއޯ އަގުއެރޯއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ކިއެވް އާއި ސިޓީ ކުޅުނު މެޗުގައި ސިޓީގެ އަގުއެރޯ ބޯޅަ ހިފައިގެންދާ އިރު ޑައިނަމޯ ކިއެވްގެ ކުޅުންތެރިއަކު ބޯޅަ ހޯދުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
ސިޓީގެ ލީޑް އިތުރަށް ފުޅާކޮށްދިނީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ރަހީމް ސްޓާލިން ތަނަވަސް ކޮށްދިން ފުރުސަތަކުން ޑޭވިޑް ސިލްވާ އެވެ.
ފުރަތަމަ ހާފް ސިޓީން ލީޑްގައި އޮވެ ނިންމާލިއިރު ދެވަނަ ހާފްގައި ޑައިނަމޯއިން ވަނީ ގޯލެއް ކާމިޔާބްކޮށް ސުން ކަނޑުވާލާފައެވެ. އެ ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބް ކޮށްދިނީ ވިޓާލީ އެވެ.
ސީޓީގެ ފަހު ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބް ކޮށްދިނީ ޔާޔާ ޓޫރޭ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޑައިނަމޯ ކިއެވް އާއި ސިޓީ ކުޅުނު މެޗުގައި ޑައިނަމޯ ކިއެވްގެ ކުޅުންތެރިއަކު ބޯޅަ ހިފައިގެންދާ އިރު ސިޓީގެ ސްޓާލިން ބޯޅަ ހޯދުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ
ފުރަތަމަ ލެގުގެ މެޗު ސިޓީން ކާމިޔާބުކޮށް ކުއާޓާފައިނަލާ ގާތަށް ޖެހިލާފައިވާއިރު، މީގެކުރިން މި މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ސިޓީއަށް ދަތުރުކުރެވިފައެއް ނުވެއެވެ.
މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ.
އެ މުބާރާތުގެ ގަދަ 16 ގައި ރޭ ކުޅުުނު އަނެއް މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ހޮލެންޑްގެ ޕީއެސްވީ ބައްދަލުކުރި މެޗު ނިމުނީ، 0-0ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރުވެގެންނެވެ.