ނަވާރަސަތޭކަ އަށްޑިހަ ހައެއްގެ ސެޕްޓެމްބަރު ފަސްވަނަ ދުވަހު ޕޭން އޭމްގެ ފްލައިޓު 73، ޕާކިސްތާނުގެ ކަރާޗީ އެއާޕޯޓުގައި ހައިޖެކް ކުރި ހާދިސާގައި، އެ ފްލައިޓުގެ ފްލައިޓު އެޓެންޑަންޓްގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ނީރްޖާ" ސްކްރީނުތަކަށް އައި ފުރަތަމަ ދުވަހު އެކަނި ވެސް އެ ފިލްމަށް 47 މިލިޔަން ރުޕީސްގެ ފައިދާ ލިބިއްޖެ އެވެ.

އެ ފްލައިޓުގެ ފްލައިޓް އެޓެންޑަންޓް ނީރްޖާ ބަނޮޓް، އެދުވަހު ފްލައިޓުގައި ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރި ކުރުމާއި ނީރްޖާގެ ދިރިއުޅުން ދައްކުވައިދިން މި ފިލްމުގެ ލީޑު ރޯލުން ފެންނަނީ، ބޮލީވުޑްގެ މަޝްހޫރު ތަރި އަނިލް ކަޕޫރުގެ ދަރިފުޅު ސޯނަމް ކަޕޫރެވެ.

އިންޑިޔާގެ 700 ތިއޭޓަރެއްގައި މި ފިލްމު، 19 ފެބްރުއަރީ ވަނަ ދަވަހު އެޅުވި އިރު ހައުސް ފުލް ނުވި ނަމަވެސް ގިނަ ބަޔަކު ވަނީ ފިލްމު ބަލަން ގޮސްފަ އެވެ. އެދުވަހު މި ފިލްމުގެ ދެވަނަ ޝޯވ ބެލުމަށް، ފިލްމު އެޅުވި ތިއޭޓަރުތަކަށް ފުރަތަމަ ޝޯވއަށް ވުރެ މާ ގިނަ ފަރާތްތައް ދިޔަ ކަމަށް ރިޕޯޓު ކުރެވިފައި ވެ އެވެ.

ރާމް މަދްވާނީ ޑައިރެކްޓް ކުރި ފިލްމު "ނީރްޖާ"އަށް، އެތަކެއް މަޝްހޫރު ތަރިންގެ ފަރާތުން ތައުރީފު ދަނީ އޮހެމުންނެވެ. އަދި ނީރްޖާ ބަނޮޓްގެ އެތައް ގާތް ފަރާތްތަކަކުން ވެސް ވަނީ މި ފިލްމަށް ތައުރީފު ކޮށްފަ އެވެ.

ޕޭން އޭމްގެ ފްލައިޓު ހައިޖެކް ކުރި ހާދިސާގައި، ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި ފްލައިޓު މަތީގައި އަމިއްލަ ފުރާނަ ގުރުބާން ކޮށްލުމަށް ތައްޔާރަށް ހުރި ފްލައިޓު އެޓެންޑަންޓް މަރުވީ، އެ ފްލައިޓު ތެރޭގައި ޓެރަރިސްޓުން ހަމަނުޖެހުން ހިންގަން ފެށި ވަގުތު، ފްލައިޓުގެ އެމަޖެންސީ ދޮރުތައް އެމީހުންނަށް ނޭނގި ހުޅުވައި، ފަސިންޖަރުން ފްލައިޓުން ބޭލުމަށް މަސަައްކަތް ކުރި ވަގުތު، ޓެރަރިސްޓަކު ޖެހި ބަޑީގެ ވަޒަން ނީރްޖާގެ ގަޔަށް އެރުމުންނެވެ.

އޭނާއާށް ފްލައިޓުން ސަލާމަތް ވެވުނު ނަމަވެސް، އޭނާއަށް އެއާޕޯޓުގައި ފަރުވާ ދޭން ފެށި ފަހުން އޭނާ ވަނީ މަރުވެފަ އެވެ.

ޕޭން އެމްގެ ފްލައިޓު 72އަށް އެދުވަހު ހަމަލާ ދީ، ހައިޖެކް ކޮށްފައިވަނީ ފަލަސްތީނުގެ ޓެރަރިސްޓް ޖަމާޢާތެއް ކަމުގައިވާ އަބޫ ނިދާލް އޯގަނައިޒޭޝަނުގެ ހަތަރު މީހަކު އެ ފްލައިޓަށް އަރަ އެވެ. އެ ހަތަރު މީހުން ވެސް ވަނީ ހައްޔަރުކޮށް، ޖަލަށް ލެވިފަ އެވެ.

ނީރްޖާ އެދުވަހު ދެއްކި ހިތްވަރުގެ އަގު ވަޒަންކުރުމުގެ ގޮތުން އިންޑިޔާއިން ވަނީ، އެގައުމުން ރައްޔިތަކަށް އަރުވާނެ އެންމެ މަތީ ޝަރަފު ކަމުގައިވާ، އަޝޯކާ ޗަކްރާގެ އިއްޒަތުގެ ޝަރަފު އަރުވައިފަ އެވެ. މަރުވި އިރު އުމުރުން އެންމެ 22 އަހަރުގެ ނީރްޖާއަކީ އިންޑިޔާގެ ތާރީޚުގައި ވެސް މި ޝަރަފު ލިބުނު އެންމެ ހަގު ފަރާތެވެ.