ފޭސްބުކްގައި ލައިކް ބަޓަންގެ އިތުރުން، ޔޫޒަރުންގެ އިހްސާސްތައް ފުރިހަމައަށް ހިއްސާ ކުރުމަށް އެހީތެރިވެދޭނެ އިތުރު ފަސް ބަޓަންއެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޭސްބުކް ބޭނުންކުރާ ޔޫޒަރުންނަށް ދޫކޮށްފި އެވެ.

"ރިއެކްޝަންސް"ގެ ނަމުގައި ތައާރަފު ކުރެވުނު މި ފަސް ބަޓަންގައި ހިމެނެނީ ލޯބި ދައްކުވައިދޭ "ލަވް" ބަޓަންއަކާއި، މަޖާ އިހްސާސްތަކާ ގުޅޭ "ހާހާ" ބަޓަންއަކާއި، އާޝޯޚުވުމުން ބޭނުންކުރެވޭނެ "ވާއު" ބަޓަންއަކާއި، ދެރަ ވުމުން ބޭނުންކުރެވޭނެ "ސޭޑް" ބަޓަންއަކާއި ރުޅި ގަދަވުމުން ބޭނުންކުރެވޭނެ "އެންގްރީ" ބަޓަން އެކެވެ.

މީގެ ހަތަރު މަސް ދުވަސް ކުރިން ދުނިޔޭގެ ދެ ގައުމެއް ކަމުގައިވާ ސްޕެއިންއާއި އަޔަރލެންޑުގައި މި ބަޓަންތަކުގެ އަޖުމަ ބެލުމަށްފަހު، މުޅި ދުނިޔެއަށް މި ބަޓަންތައް ދޫކުރުމަށް ފޭސްބުކުން ނިންމައި، އެކަން ކުރަން ފެށީ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެންނެވެ.

ފޭސްބުކުން ބުނެފައި ވަނީ، ފޭސްބުކުން "ރިއެކްޝަންސް" ފީޗަރ ޓެސްޓު ކުރުމުގައި އެއް އަހަރު ދުވަސް ހޭދަކުރި ކަމަށާއި، އެ މަސައްކަތުގައި ބޮޑެތި ޔުނިވާސިޓީތަކުގެ ސޯޝިއޮލޮޖިސްޓުންނާއި އެހެން ފަންނީ މާހިރުންގެ އިރުޝާދު ހޯދި ކަމަށެވެ.

ފޭސްބުކުން ބުނާ ގޮތުގައި ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޭސްބުކް ބޭނުންކުރާ ފަރާތްތަކަށް މި ފީޗަރ އަޕްޑޭޓް ލިބެމުން ދާނެ އެވެ. އަދި މިކަން ބައެއް ޔޫޒަރުންނަށް ލަސްވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން، ފޯނު ބޭނުންކުރާ ފަރާތްތަކުން ފޭސްބުކްގަައި ލައިކް ބަޓަންއަށް ކުޑަ ވަގުތުކޮޅަކަށް އޮބައިލުމުން ރިއެކްޝަންސް މެނޫ ފެންނާނެ އެވެ. އަދި ކޮމްޕުއިޓަރުގައި ފޭސްބުކް ބޭނުންކުރާ ނަމަ ލައިކް ބަޓަންއާ ދިމާލަށް މައުސްގެ ކާސަރ ގެންދިއުމުން ރިއެކްޝަންސް މެނޫ ފެންނާނެ އެވެ.