ކަތަމަންޑޫ (ފެބްރުއަރީ 24):އެކާވީސް މީހުންނާ އެކު ނޭޕާލްގެ ފަރުބަދައެއްގެ މަތިން ދަތުރުކޮށްފައި ދިޔަ އެ ގައުމުގެ މަތިންދާ ބޯޓު ފަރުބަދައެއްގެ މައްޗަށް ވެއްޓި ބޯޓުގައި ތިބި އެންމެން މަރުވެއްޖެ އެވެ.

ގެއްލުނު މަތިންދާބޯޓު ހޯދަން ދިޔަ ރެސްކިއު ޓީމާ ހަވާލާދީ ބައިނަލްއަގްވާމީ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައި ވަނީ ބޯޓުން ދަތުރުކުރި 23 މީހުން ވެސް މަރުވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ޗައިނާ އަދި ކުވައިތުގެ މީހެއް ވެސް ހިމެނޭކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ބޯޓުވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން މީހުން ވަކިކުރަން ވެސް ނޭނގޭ ކަމަށް ނޭޕާލްގެ ސިވިލް އޭވިއޭޝަން މިނިސްޓަރާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުނުވާ އިރު، ބައެއް ފަރާތްތަކުން ބުނަނީ މޫސުން ގޯސްވުމުގެ ސަބަބުން ބޯޓު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށެވެ.

ވެއްޓުނު ބޯޓުގެ އެއާލައިން ޓާރާ އެއާއިން ބުނީ ހާދިސާގެ ސަބަބުން އާއިލާތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިނުދެވޭނެކަން ގަބޫލު ކުރާ ކަަމަށެވެ. ނަމަވެސް އެފަރާތްތަކުގެ ހިތާމާގައި ބައިވެރިވެ ހުރިހާ ގޮތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

ނޭޕާލްގެ ޓަރާ އެއާއަށް ނިސްބަތްވާ އެ ފްލައިޓާ ގުޅުން ކެނޑުނީ ޕޮކްހަރާ ސިޓީ އެއާޕޯޓުން ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް ކަމަށާއި، ބޯޓުގެ މަންޒިލަކީ ނޭޕާލްގެ އުތުރުގައި އޮންނަ ޖޮމްސޮމް ކަމަށް އެއާޕޯޓުގެ އޮފިޝަލަކު ވަނީ މިއަދު ވިދާޅުވެފަ އެވެ.