24 Apr 2011, 16:25
މާރާމާރީ އާއި ފޭރުމުގައި އިސްކޮށްއުޅޭ ކަމަށް ފުލުހުން ބުނެފައިވާ "ހައިޕްރަފައިލް" މީހަކު
އާންމު ތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުނު މައްސަލައެއްގައި އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުނު ކަމަށް ބުނެ ދައުލަތުން ހ. ލޮބީ މުހައްމަދު ކިނާނަތުގެ މައްޗަށް ކުރި ދައުވާގެ ކުށް ޝަރީއަތުގައި އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ކިނާނަތުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވަނީ، 13 ޖެނުއަރީ 2011 ދުވަހު 15.30 އެހާކަންހާއިރު، ފިނޭންސް މިނިސްޓްރީ ސަރަޙައްދުގައި މީހަކު ވަޅިގެންގުޅޭ ކަމަށް ޢާންމުފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން މއ. އޭބީވިލާގޭގެ ކުރިމަތިން ކިނާނަތު ފެނުނު އިރު އޭނާގެ އަތުގައި ދިގުމިނުގައި އެއް ފޫޓު ހުންނަވަރުގެ ބަޅުވަޅިއެއް ފެނިފައިވާތީ އާއި، ބިޑިއަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރިކުރުމުގެ ތެރޭގައި އަށް އިންޗި ހުންނަވަރުގެ ބެނެޓްވަޅިއެއް ފެނިފައިވާތީ އެވެ.
މާރާމާރީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ޝަރީއަތަށް ސާބިތުވި ކިނާނަތަކީ 15 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. މަސްއޮޑި ގޭންގަށް ނިސްބަތްވާ ކިނާނަތުގެ ހަތަރު މައްސަލައެއް ވަނީ ޕީޖީ އަށް ވެސް ފޮނުވައިފަ އެވެ.
އޭނާ އަކީ މާރާމާރީ އާއި ފޭރުމުގައި އިސްކޮށްއުޅޭ ކަމަށް ފުލުހުން ހާމަކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ މިހެކެވެ.