24 Feb 2016, 21:06
ސައުދީ އަރަބީއާގެ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒު އަލް ސައުދު ރާއްޖެއަށް ދެއްވާ ހަދިޔާއެއްގެ ގޮތުގައި ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތް މާލޭގައި އަޅަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މިސްކިތް އިމާރާތް ކުރަނީ ހަ ބުރިއަށެވެ. އެ މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ.
އެ މިސްކިތް މާލޭގައި އަޅަން ނިންމިކަން އިއުލާން ކުރީ މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ހައުސިންގް މިނިސްޓްރީއިން ބުނީ އެ މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުން ވެސް ހިތްގައިމު ކަމާއެކު ފެނިގެންދާނެ ސަރަހައްދެއްގައި ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮންބިމެއް ކަމެއް ބުނެފައެއް ނުވެ އެވެ.
މިސްކިތުގެ ހާއްސަ ކަންކަން
- ހަ ބުރިއަށް އިމާރާތް ކުރުން
- 6000 ހަށް ވުރެ ގިނަ މީހުންނަށް ނަމާދު ކުރެވުން
- ކުތުބު ހާނާއެއް ހިމެނޭ
- ޤުރުއާނާއި ބެހޭ މަރުކަޒެއް ހިމެނޭ
- މަލްޓި ޕާޕާސް ހޯލެއް، ޖަލްސާ ކުރާ މާލަމެއް، އަދި ކްލާސް ރޫމްތައް
- ޕާކިންގް ޒޯންތައް
- ހަތަރު ލިފްޓު ހަރުކުރެވޭނެ
- 41500 އަކަފޫޓަށްވުރެ ބޮޑު ފްލޯއޭރިއާއެއް ނަމާދު ކުރުމަށް ހާއްސަކުރެވޭ
ސައުދީ ރަސްގެފާނުގެ ނަމަށް ނިސްބަތްކޮށް ކިންގް ސަލްމާނުގެ ނަމުން ނަންދީގެން އިމާރާތްކުރާ އެ މިސްކިތް އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 142،716 އަކަފޫޓަށް ވުރެބޮޑު ބިމެއްގައި ކަމަށް ހައުސިންގް މިނިސްޓްރީއިން މައުލޫމާތުދެ އެވެ.
މިރޭގެ އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ އެފަދަ ބޮޑު މިސްކިތެއް ބިނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމުން ދޭހަވަގެން ދަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމްދީން ނޫން ދީނަކަށް ޖާގަ ނުދޭނެކަން ކަމަށެވެ.
"ދިވެހިންގެ ދީނީ ވަހުދަތު ބަލިކަށި ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ރައީސް ޔާމީން ހުންނެވީ އަބަދުވެސް ނޫނެކޭ ބުނަން ތައްޔާރަށް. މިދެވެހި ފަސްގަނޑުން އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެކަމަށް ވިދާޅުވުން އެއީ އޭގެ އަލިގަދަ ހެއްކެއް،" ޑރ އަހުމަދު ޒިޔާދު ބާގިރު ވިދާޅުވި އެވެ.
ރާއްޖޭގައި އިމާރާތް ކުރާ އެންމެ ބޮޑު މިސްކިތް މާލޭގައި އަޅަން ސަރުކާރުން ނިންމިކަން މިރޭ އިއުލާނުކޮށްފައިވާއިރު މިސްކިތުގެ މަސައްކަތް ފަށާނެ ތާރީހެއް ވިދާޅުވެފަ އެއް ނުވެ އެވެ. އަދި މިސްކިތަށް ހަރަދުވާނެ ކަމަށް ލަފާކުރާ ބަޖެޓެއްވެސް ހާމައެއް ނުކުރައްވަ އެވެ.