ކޮމަންވެލުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އެޖެންޑާގައި ރާއްޖެ ހިމެނުމާމެދު ވަކި ގޮތެއް ނުނިންމައި، ރާއްޖެއިން ކުރަން ފެންނަ ހަ ކަމެއް އެ ޖަމާއަތުން ހުށަހަޅައިފި އެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕުން މިއަދު ބޭއްވި އެކްސްޓްރާ އޯޑިނަރީ މީޓިންގައި ނިންމާފައި ވަނީ ރާއްޖޭން ވަކި ކަންތައްތަކެއް އެކަށީގެންވާ މުއްދަތެއްގައި ހިނގަމުންދޭތޯ ބެލުމަށެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން ކޮމަންވެލްތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ބަޔާނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ރާއްޖޭން ކުރޭތޯ ބެލުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރުން ނިންމެވި ކަމަށެވެ.

އެގޮތުން ކުރަން ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކެއް ބައިވެރިވާ، މަގުސަދެއް އޮވެގެން ކުރިއަށްދާ މަޝްވަރާތަކެއް ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވުމާއި ބަންދުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފިޔަވަޅު އެޅުން ހިމެނެއެވެ. ސިޔާސީ ބަހުސް ހުއްޓުވުމަށް އެންޓިޓެރަރިޒަމް ގާނޫނު ބޭނުން ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށާއި ޝަރުއީ ހަރުދަނާ ކުރުމަށް ފިޔަވަޅު އެޅުމަށް ވެސް ސީމެގުން ވަނީ ރާއްޖެއަށް ހުށަހަޅާފައެވެ.

ސީމެގުން ރާއްޖެއަށް ހުށަހެޅި ކަންތައް:

  • ސަރުކާރުން އިސްވެ ޕާޓީ މަޝްވަރާތައް ފެށުން

  • ސިޔާސީ ލީޑަރުން މިނިވަންކުރުން
  • ސިޔާސީ ލީޑަރުންގެ ޝަރީއަތް ކުރިއަށް ދިޔަ އިޖުރާއަތްތަކާމެދު ހުރި ކަންބޮޑުވުންތަކަށް އިޖާބަދިނުން
  • ހިޔާލުފާޅު ކުރުން ހުއްޓުވަން ޓެރަރިޒަމްގެ ގާނޫނު ބޭނުން ނުކުރުން
  • ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް ކޮމަންވެލްތުން ކުރިން ހުށަހަޅާފައިވާ ކަންތައްތަކަށް އަލުން ރިއާޔަތްކުރުން
  • ސިވިލް ސޮސައިޓީތަކުގެ މިނިވަންކަން ކުރިއަރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުން

ރާއްޖޭގެ ގާނޫނުތައް އިތުރަށް ކުރިއެރުވުމަށް ރާއްޖެއަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ކޮމަންވެލްތު ސެކްރެޓޭރިއަޓުން ދިނުމަށާއި ކޮމަންވެލްތުން ހުށަހެޅި ކަންތައްތަކާއި މެދު ރާއްޖޭން އަމަލުކޮށްފައިވާ ގޮތް އަންނަ އޭޕްރިލް މަހު ބާއްވާ ބައްދަލުވުމުގައި ބަލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.