24 Feb 2016, 18:21
އެމްއެންޑީއެފްގެ އޯޑްނެންސް ސާވިސް (ބަޑި ގުދަން)ގެ ކުރީގެ ވެރިޔާ ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑަކު ހަތަރު މަހަށްފަހު ސިފައިންގެ ބަންދުން ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން އެ ތިން މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުން ހައްޔަރު ކުރީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"އަށް ދިން ހަމަލާއާ ގުޅިގެން ކަމަށެވެ.
ޕާޕާއާއެކު ކަޅުދުއްކަލާ ކޮށީގައި ބަންދުކޮށްފައި ތިބި އަދީބުގެ ދެ ބޮޑީގާޑުން ކަމަށްވާ ސާޖަންޓު ހަސަން ރިކާޒާއި ކޯޕްރަލް އަހުމަދު އާމިރު ސިފައިންގެ މަސައްކަތުންއެކަހެރިކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ މީހުން ސިފައިންގޭގައި ބަންދު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ މެދުތެރޭގަ އެވެ.
ކަޅުތުއްކަލާ ކޮށީގައި ފަޔާޒު ބަންދުކޮށްފައި ވަނީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ވެރިޔާގެ މަގާމުން ދުރުކުރުމަށްފަހު އެވެ. އޭނާ އެންމެ ފަހުން ހުންނެވީ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބަންދަށް އާމިރު ގެންގޮސްފައިވާއިރު، ރިޔާސީ ލޯންޗުކޮޅަށް ދިން ހަމަލާއާ ގުޅިގެން އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މިއަދު އެވެ.