24 Apr 2011, 16:19
ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސް ފަދަ ތަންތަން ހެދުމަށް ދޫކޮށްފައިވާ ރަށްރަށާއި ބިންބިމުގެ ކުއްޔާއި ކުލި ނުދައްކައިގެން ނަގާ ޖޫރިމަނާ މުއްދަތުގެ ތެރޭގައި ނުދައްކާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާ ގޮތަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ގިނަ ފަރާތްތަކަކުން ކުއްޔާއި ޖޫރިމަނާ ފައިސާގެ ބޮޑަތި އަދަދުތަކެއް ދައްކާފައި ނުވާތީ ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ބިމު ކުއްޔާއި އަދި ޖޫރިމަނާ ފައިސާ، ކުލި ދައްކަން ޖެހޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ފައިސާ ހަމަ އަށް ނުދައްކައިފި ނަމަ އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސް ވަގުތީގޮތުން ހިފަހައްޓާނެ ކަމަށެވެ. އެ ފިޔަވަޅަށް މަގުފަހިވާ ގޮތަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ގަވާއިދުތަކަށް ވެސް ބަދަލުގެނެސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ދައްކަން ޖެހޭ ކުއްޔަށް ދައްކައި ހަލާސް ކޮށްފައި ނުވާ ނަމަ އެފަރާތެއްގެ ހުއްދަ ވެސް ހިފަހައްޓާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުންޏެވެ.
"ކުލި ދައްކަން ޖެހުނު ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި[ކުލި] ހަމައަށް ދައްކާ ހަލާސްނުކޮށްފި ނަމަ އެފަދަތަނެއް ހިންގަން ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާ ގޮތަށް ޓޫރިސްޓް ރިޒޯޓާއި، ޓޫރިސްޓްހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންނިމުގެ ކުލި ސަރުކާރަށް ދެއްކުމާ ބެހޭ ގަވާއިދަށް މިއަދު ވަނީ އިސްލާހް ގެނެވިފަ އެވެ،" ގަވާއިދުތަކަށް ގެނައި ބަދަލާ ގުޅިގެން އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ އެ ފިޔަވަޅު އަޅަން ޖެހުނީ އެ ފައިސާ ހޯދުމަށް ތަފާތު ގޮތްގޮތުން ވެސް މަސައްކަތްކޮށް ގިނަ ފަރާތްތަކަކުން އެފައިސާ މިއަދާ ހަމައަށް ވެސް ދައްކާފައިނުވާތީ ކަމަށެވެ.
މުއްދަތަށް ކުލި ނުދައްކާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުއަޅަން ޓޫރިޒަމް މިނިސްޓްރީން މިއަދު ނިންމި އިރު މީގެ ކުރިން ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓްތަކުގެ ކުލި ދެއްކުމަށް ތަފާތު ލުއިތަކެއް ވެސް ދީފަ އެވެ. އެގޮތުން ޓޫރިޒަމް ގާނޫނަށް އިސްލާހުތަކެއް ގެނެސް ބެޑް ޓެކްސްގެ ގޮތުގައި ނަގަމުން އައި ޓެކްސް މިހާރު ވަނީ ބިމު ކުއްޔަށް ވެސް ބަދަލުކޮށްފަ އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާތު ހިސާބުތަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމު ކުރީ އިރު ރޯޔަލްޓީގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގެ ލިބުނު އަދަދަށް ވުރެ 17 މިލިޔަން ރުފިޔާމަދެވެ.