ގދ. މާވަރުލުގައި ހަދާ އެއާޕޯޓާއި ނ. މާފަރު އެއާޕޯޓް ހެދުމަށް ނުވަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެ ދެ އެއާޕޯޓް ހަދަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާއިރު ކުރިމަތިލާފައި ވަނީ ނުވަ ފަރާތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ ދެ ފަރާތަކާއި ޗައިނާގެ ދެ ފަރާތެއްގެ އިތުރުން ޖަރުމަނުގެ ދެ ފަރާތަކާއި ސައުތު ކޮރެއާގެ ދެ ފަރާތަކާއި ރާޢްޖެ އާއި ޓުރުކީގެ އެއް ކުންފުންޏެވެ.

ރީޖަނަލް އެއާޕޯސްޓް އޮތޯރިޓީގެ ޑިރެކްޓަރު ސާމީ އަގީލް މިއަދު 'ސަން'އަށް ވިދާޅުވީ، އެ ދެ އެއާޕޯޓް ހެދުމަށް ކުރިމަތިލި ފަރާތްތައް އިވެލުއޭޓްކޮށް އަންނަ ހަފްތާގެ ތެރޭގައި ބިޑް ސަބްމިޓް ކުރުމަށް ޕާޓީތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.

މާވަރުލާއި މާފަރު އެއާޕޯޓް ހެދުމަށް ހަވާލު ކުރި ދެ ކުންފުނީގެ އެގްރިމެންޓް މީގެ ދެ ހަފްތާ ކުރިން ވަނީ ބާތިލްކޮށްފަ އެވެ.

ގދ. މާވަރުލު އެއާޕޯޓް މޯވިން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހަވާލުކޮށްފައި ވަނީ 30 މަސްތެރޭ އެއާޕޯޓް ނިންމާ ގޮތަށް 2011 ވަނަ އަހަރު އެވެ. އެ އެގްރިމެންޓް ބާތިލް ކުރީ ދީފައިވާ މުއްދަތައް އެއާޕޯޓުގެ މަސައްކަތް ނިންމާފައި ނުވާތީ އެވެ.

ނ. މާފަރު އެއާޕޯޓް 18 މަސްތެރޭ ނިންމުމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ލިމިޓެޑާ އެކު އެގްރިމެންޓު ހަދާފައި ވަނިކޮށް އެ އެގްރިމެންޓް ބާތިލު ކުރީ ގަވައިދާ ހިލާފަށް އެ ކުންފުނިން މަސައްކަތްކޮށްފައި ވާތީއެވެ.