މީހެއްގެ ލޯމަތީގައި ޖެހި މީހަކު 200 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ހއ. ދިއްދޫ ސްކައިސްޓާ އަބްދުﷲ ޚަލީލްގެ ލޯމަތީގައި ޖެހުމުގެ ކުށް ސާބިތުވުމުން ޖޫރިމަނާކޮށްފައި ވަނީ ފ. ދަރަނބޫދޫ އާބާދީގުލްޝަން މުޚްލިސް އާދަމެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ 12:40 އެހައިކަންހާ އިރު އޭނާގެ ރައްޓެއްސަކާ އެކު މ. ބިސްބުރު ކައިރީ ބަޔަކު އެއްވެގެން ތިއްބައި އެ ސަރަހައްދުގައި މަޑުކޮށްގެން ތިއްބައި މުޚްލިސް އޭނާގެ އަތުން ޚަލީލްގެ ލޯމަތީގައި ޖަހާފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން މާރާމާރީ ހިންގުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި ގާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް 1968 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުލް އުގޫބާތުގެ ޗެޕްޓާ 4 ގެ 126 ވަނަ މާއްދާގެ ދަށުން މުޚުލިސް 200 ރުފިޔާ އިން ޖޫރިމަނާ ކުރާ ކަމަށް އެ ހުކުމްގައިވެ އެވެ.