24 Feb 2016, 16:38
ގޭސްފުޅިއެއް ގަތުމަށް ފަހު މީހަކު ދެއްކި ފައިސާ މާރުކުރުމަށް ފަހު އޭގެ ބާކީ ދޭނެ ކަމަށް ބުނެ އެ ފައިސާ ހިފައިގެން ފިލި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މަކަރާއީ ހީލަތް ހެދުމުގެ ކުށުގައި އެ ހުކުމް އިއްވާފައި ވަނީ ވ. މެޑެލްޖެހިގެ ހަމްޒާ މުހައްމަދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ވިލިމާލޭ ސިނާއީ ސަރަހައްދުގައި ހުންނަ "ރަހަމީރު ހަވާދު" ފިހާރައިން ވިލާ ގޭސްފުޅިއެއް ގަތުމަށް 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު ހއ. ހޯރަފުށި ގުލްޗަންޕާގެ ޒުހުދާ މުހައްމަދު ދިޔުމުން ހަމްޒާ ޒުހުދާއާ ބައްދަލުކޮށް އޭނާ އުޅޭ ގެއަށް ގޭސް ގެންގޮސްދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އެ ހުކުމްގައި ވަނީ އޭނާފަހުން ޒުހުދާ އުޅޭ ގެއަށް ގޮސް އަގު ދިނުމަށް ބުނުމުން ގޭސްފުޅީގެ އަގު އަދާކުރުމަށް 500 ރުފިޔާގެ ނޫޓެއް ޒުހުދާގެ މާމަ ދަރިފުޅު ދިނުމުން އެފައިސާ މާރުކޮށްގެން ބާކީ ދޭނެ ކަމަށް ބުނެ އެ ފައިސާ ހިފައިގެން ހަމްޒާ ފިލާފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
ހަމްޒާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 2010 ވަނަ މާއްދާގެ (ށ) ގެ ފަސް ވަނަ ނަންބަރާއި އެ ގާނޫނުގެ 1106 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށެވެ.