މާލެ އާއި ހުޅުމާލޭގައި ޕްރިމިއަމް ޓެކްސީ ހިދުމަތް ތައާރަފު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް މިއަދު އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕްރިމިއަމް ޓެކްސީ ހިދުމަތް ތައާރަފު ކުރަން ޝައުގުވެރިވާ ފަރާތްތަކަށް، އެ ފުރުސަތު ހުޅުވާލުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން/ފޮޓޯ: ފަޔާޒު މޫސާ

މިއަދު މިއަދު އިކޮނޮމިކު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކު މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ޕްރިމިއަމް ޓެކްސީ ތައާރަފު ކުރުމުގެ މަގުސަދަކީ މިހާރު ދެމުންދާ ޓެކްސީގެ ހިދުމަތްތައް ފެންވަރު ރަނގަޅުކޮށް މުސްތަގުބަލުގައި އަންނަން އޮތް ހިދުމަތްތައް ޒަމާނާ އެކަށީގެންވާ ގޮތަކަށް ގެނައުން ކަމަށެވެ.

"ރާއްޖޭގެ ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން ވެސް ބޭނުންވޭ ޓެކްސީގެ ކޮމްފޯޓް. ޓެކްސީގެ ޒަމާނީ ހިދުމަތްތައް ތައާރަފުވާން. އެހެންވީމާ މީ މީގެ ފެށުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލަށް ތައާރަފު ކުރާ ޕްރިމިއަމް ޓެކްސީތަކަކީ ހައިބްރިޑް ނުވަތަ އިލެކްޓްރިކު ޓެކްސީތަކަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތައް ވެސް އެ ޓެކްސީތަކުގައި ހުންނަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރެޑިޓު ކާޑު ޕޭމަންޓު އަދި ޕޭމަންޓުގެ ޒަމާނީ ސްޓޭންޑަޑަށް ގެނައުމަށް މީޓަރު ޓެކްސީ އަށް ވުން އަދި ޑިޒައިން އެއީ ސަރުކާރުން އެކަށައަޅާ ސްޓޭންޑަޑަކަށް ހުންނަ ޑިޒައިން އަކަށް ވުން. އޮޕަރޭޓު ކުރާ ފަރާތަށް ވަކި ތަމްރީނެއް ޓްރާންސްޕޯޓް އޮތޯރިޓީ އިން ދެއްވާނެ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޕްރިމިއަމް ޓެކްސީގެ ހިދުމަތަށް ކުރިމަތި ލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިހާރު އޮޕަރޭޓް ކުރާ ޓެކްސީ ސެންޓަރުތަކާއި މުޅިން އާ ކުންފުނިތަކަކަށް ވެސް އެކަމަށް ކުރިމަތި ލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ޖުމްލަކޮށް ހުރިހާ ފަރާތަކަށް ހުޅުވާލެވިފައި މިއޮތީ. މިނިމަމް 50 ވަރަކަށް ޓެކްސީއަށް ހުއްދަ ދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕްރިމިއަމް ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އަންނަ މަހު 22 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ޕްރިމިއަމް ޓެކްސީ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންއެއް އަންނަ މަހު 10 ވަނަ ދުވަހުގައި އޮންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.