ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން އެމްޑީޕީ އާއި އަދާލަތު ޕާޓިން ނިންމާފައިވާ ކަމަށް ސަރުކާރުން ބެނެ ހަދާފައި ވަނީ ދޮގެއް ކަމަށް އެ ދެ ޕާޓީން ބުނެފި އެވެ.

އިނދިކޮޅު އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ ސަރުކާރުން މަޝްވަރާތަކަށް ދައުވަތު ދިނުމާ އެކު ޝަރުތުތަކަކާ އެކު މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް އޭގެ ފަހުން އެއްވެސް މުއާމަލާތެއް ދެފަރާތުގެ ދެމެދުގައި ހިނގާފައި ނުވާނެ ކަމަށެވެ.

"އެ ޝަރުތުތަކަކީ އިޚްލާސްތެރިކަމާ އެކު ކުރެވޭ މަޝްވަރާތަކަކަށް ވުން. އިތުބާރު ގާއިމި ކުރުމުގެ ގޮތުން ސަރުކާރުން ބަންދު ކޮށްފައިވާ ސިޔާސީ ހުރިހާ ލީޑަރުން ދޫކޮށްލުން،" ސިފާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން އެފަދަ ވާހަކަތަކެއް ދެއްކީ އެމްޑީޕީ އާއި އޭޕީއާ ޖެއްސުމަށް ކަމަށާއި އެހްނެ ނަމަވެސް އެ ދެފަރާތުގެ ދެމެދުގައި ވަނީ އެއަށްވުރެ ބަދަހި ގުޅުމެއް ކަމަށެވެ.

އޭޕީގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި އެ ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވީ ސަރުކާރުގެ ފަރާތުން މިއަދު ފެނިގެން އެ ދިޔައީ ރައްޔިތުންނަށް އޮޅުވާލުއި އެބޭފުޅުންގެ އަމިއްލަ ސިޔާސީ މަންފާއެއް ހާސިލް ކުރުމަށް ކުރި ފިނޑި އަމަލެއް ކަމަށެެވެ.

"އަޅުގަނޑުމެންގެ ސްޓޭންޑް މިވަނީ ހާމަކޮށްފައި މީގެ ކުރިން. އެއަކަށް އަދި ބަދަލެއް ނާދެ. އަޅުގަނޑުމެންނަކީ އަބަދު ވެސް މަޝްވަރާއަށް މަރުހަބާ ކިޔާނެ ބައެއް. ނަމަވެސް މިފަހަރުގެ މަޝްވަރާތަކުގައި ބައިވެރި ވެވޭނީ އަޅުގަނޑުމެންގެ ޝަރުތުތައް ފުރިހަމަ ކުރުމުން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އެމްޑީޕީ އާއި އޭޕީ އިން ސަރުކާރުގެ ވާހަކަތައް ދޮގުކޮށްފައިވާ އިރު ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އެ ދެ ޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ލިއުމުން ކޮންފޮމޭޝަން ދީފައިވާ ކަމަށާއި ޖަލުގައި އެއްވެސް ސިޔާސީ ކުށްވެރިއަކު ވެސް ނުތިބޭނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ މީޑިއާގައި ސިޔާސީ ޕާޓީތަކުން ދައްކާފައިވާ ވާހަކަތަކާއި ސަރުކާރަށް ސިޔާސީ ޕާޓީތަކުން ދީފައިވާ ޖަވާބާއި ވަރަށް ތަފާތު ކަމަށެވެ.

ޝައިނީގެ އެ ވާހަކަތައް ދޮގުކުރަށްވައި ޓެރެރިޒަމްގެ ކުށް ސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ އަދި މިވަގުތު ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޓުވީޓެއް ކުރައްވައި އެކަން ދޮގު ކުރައްވައިފަ އެވެ.