24 Feb 2016, 16:10
މޭޑޭ މުޒާހަރާއާ ގުޅިގެން 12 އަހަރަށް ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އައިޖީއެމްއެޗަށް ގެނެސް ލޭގެ ޓެސްޓެއް ހަދައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ޝައިޚް އިމްރާންގެ ލޭގެ ޓެސްޓު ހަދާފައި ވަނީ މިއަދު ހެނދުނު 9:00 އެހާކަންހާ އިރު އައިޖީއެމެޗަށް ގެނެސްގެން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އިމްރާންގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި 12 އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ އެވެ.
އިމްރާންގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނީ އިމްރާން މުޒާހަރާގެ ބައިވެރިންނާ މުޚާތަބުކޮށް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ އިސްވެރިންނާ މެދު ނަފްރަތު އިފެދޭގޮތަށް ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށް ޝަތީއަތަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެ އެވެ.
އިމްރާން ވަނީ އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ނިންމަވާފައެވެ.