24 Apr 2011, 16:09
ފ. ދަރަނބޫދޫ ގެއްގައި ހުރި ޖަންކްޝަނަކުން ވަސްދުވާ މައްސަލައެއްގައި ދެ އާއިލާއެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން ރޭ އެތަނަށް ދިޔަ ރަށު ކައުންސިލަރުގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގާފައިވާ ކަމަށް އެ ކައުންސިލަރު ވިދާޅުވެއްޖެ އެވެ.
ދަރަނބޫދޫ ކައުންސިލަރު އިސްމާއީލް ޝިޔާމު މިއަދު ވިދާޅުވީ އޭނާ ރޭ އެ ރަށު ސައިމާވިލާ އަށް ދިޔައީ އެ ގޭގެ ޖަންކަޝަނެއް މަރާމާތަށް ތަޅާލުމުން ޖެހިގެން ހުރި ގޭގައި ހިންގާ ނޫރާނީ ކެފޭގެ މީހުންނަށް ވަސްދުވައި މައްސަލަ ޖައްސައިގެން ކަމަށާއި އޭނާ އެތަނަށް ދިޔަ އިރު އެ ދެގޭގެ މީހުން ޒުވާބުކޮށް މަރާމާރީ ހިންގަނީ ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ، މަރާމާރީ ހިންގި މީހުންގެ ޒުވާބު ހޫނުވެ ހަމަލާ އޭނާ އަށް އަމާޒުވީ، ގަޔަށް އަތްލައި މާރާމާރީ ހިންގި ދެ ފަރާތް ދުރުކުރުމަށް ފަހު، ރަށު ކައުންސިލަށް އެ މައްސަލަ ރަސްމީކޮށް ހުށަހަޅަން އޭނާ މަސައްކަތް ކުރުމުން ކަމަށެވެ. ޝިޔާމު ވިދާޅުވީ އެ މާރާމާރީގައި ބައިވެރިވި މީހަކު އޭނާގެ ކަރުގައި ހިފައި ތަޅައިގަނެފައިވާ ކަމަށެވެ.
"ދެ ބައިމީހުންގެ ޒުވާބު ހޫނު ވީމަ އަޅުގަނޑު އެމީހުންނަށް ނަސޭހަތްދީ އެތަނުން ދުރުކުރީ. ދެން އަޅުގަނޑު އެކަން ރަށު ކައުންސިލަށް އަންގަން އުޅުމުން ހޮޓާ ހުރި ގޭގެ ކުއްޖަކު އައިސް އަޅުގަނޑަށް ހަމަލާދިނީ. ނޭނގޭ ކީއްވެގެން ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ސަން އަށް މިއަދު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުން ބަލަމުން އަންނަ ކަމަށާއި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ.