އޭއެފްސީ ކަޕްގައި މިއަދު އިންޑިއާގެ މޯހަން ބަގާން އެފްސީއާ ދެކޮޅަށް ނިކުންނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިއަހަރަށް އެކުލަވައިލި ސްކޮޑަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ހުނަރުވެރި ސްކޮޑެވެ. ނޫސްވެރިންނާއި ފުޓްބޯޅައިގެ ބައެއް ޓެކްނިކަލް ފަރާތްތަކުންވެސް އުފެއްދި ސުވާލަކީ "މިސްކޮޑް މަޒިޔާގެ ކޯޗް ޢަލީ ސުޒޭނަށް މެނޭޖު ކުރެވިދާނެބާ؟" މި ސުވާލެވެ.

ސުޒޭންގެ ޖަވާބަކީ މިކަން ވާނެ ހަމައެކަނި ދިވެއްސަކީ އޭނާ ކަމަށެވެ. އޭނާ މިމިސާލު ދެއްކީ އޭނާގެ ކެރިއަރުގައި އެވަރުގެ ސްކޮޑްތަކާއެކު މީގެ ކުރިންވެސް ކާމިޔާބު ހޯދާފައިވާތީ އެވެ.

އެހެންވެ މިވަރުގެ ސްކޮޑެއް މެނޭޖު ކުރުމުގައި ސުޒޭން ފެއިލް ނުވާނެ ކަމުގެ 100 ޕަސަންޓް ޔަގީންކަން ދޭން އޭނާ ހުރީ ތައްޔާރަށެވެ.

ސުޒޭން ބުނީ، ގާތް ގަނޑަކަށް ތިން މަހެއްހައި ދުވަހު އޭނާ މީޑިއާއާ ދުރުގައި ހުރިއިރު ބައެއް ދިވެހި އެހެން ކޯޗުންގެ ފަރާތުން އޭނާއަށް ފާޑު ކިޔުންތައް އަމާޒުކުރި ކަމަށާއި އެހެން ނަމަވެސް އޭނާ މިސީޒަން ފަށަނީ ވެސް ދިހަޔަކުން ކަމަށާއި އެހެން ކޯޗުން ފަށަނީ ސުމަކުން ކަމަށެވެ.

"އަޅުގަނޑު ވަކިން ބަހައްޓާލަފައި ދެން ތިބި ކޯޗުން އެކުދިންނަށް ވާދަ ޖަހަލާށޭ. އަޅުގަނޑު މިސީޒަން ފަށާނީ ދިހަޔަކުން ދެން ތިބި ކޯޗުން ފަށާނީ އެކަކުން ނުވަތަ އެކެއްވެސް ހަމަނުވާނެ،" ސުޒޭން އޭނާ މީގެ ކުރިން ކޯޗެއްގެ ގޮތުގައި ހޯދާފައިވާ ކާމިޔާބީތައް ދިވެހި އެހެން ކޯޗުންނާ އަޅައިކިޔަމުން ބުންޏެވެ.

ސުޒޭން ބުނީ، އެހެން ބަޔަކު ހޯދާފައިވާ ޓާގެޓެއް ހާސިލު ކުރަން ވިސްނާނީ އެކުލަބުގެ ފޯކަސްއަށް ވިސްނުމަށް ފަހުގައި ކަމަށާއި މާޒިޔާގެ އެންމެ ބޮޑު ފޯކަސްއަކީ މިއަހަރުގެ ދިވެހި ލީގު ކާމިޔާބު ކުރުން ކަމަށެވެ.